އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގުރާމު ކުރިއަށްގެންގޮސްފައިވަނީ ދެދުވަހުގެ މުއްދަތަކަށް ކްރޮސްރޯޑުގައެވެ
މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދާޚިލީ ސަލާމަތާއި ފަަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ޞިއްދީޤުއެވެ.
ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ޞިއްދީޤު ވިދާޅުވީ، ހިއުމަން ޓްރެފިކިންގެ މައްސަލަތައަކީ ރާއްޖެއަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ވުމާއެކު، ބޭއްވޭ މިފަަދަ ބައްދަލުވުންތަކުގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށް ސްޓޭޓް ފާހަގަކުރެއްވިއެވެ.
"މީގެ ނަތީޖާއަކަށް ވެގެންދާނީ އިރާދަކުރެއްވިއްޔާމު ހިއުމަން ޓްރެފިކިންގ ކަންކަމުގައި ރާއްޖޭގެ ނަން މިހާރަށްވުރެ ބޮޑަށް ލިބިގެންދިއުން. އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ރީތި ނަމަކީ މި ދިވެހި ގައުމަށް ލިބޭ ރީތި ނަމެއް. އަދި ގައުމަށް ލިބޭ ރީތި ޝަރަފަކީ އަޅުގަނޑުމެންނަށްވެސް ލިބޭ ރީތި ޝަރަފެއް. އަދި ވުޒާރާއިން ކުރިއަށްގެންދާ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިފަދަ މައްސަލަތައް ހައްލުކުރެވޭނެ." ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު ވިދާޅުވިއެވެ.
ކްރޮސް ރޯޑްސް މޯލްޑިވްސްގައި ދެ ދުވަހަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމާއި، އެމީހުންނަށް އެހީތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ.
އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ހަމަމިއާކު، ލާއިންސާނީ އަމަލުތައް މުޖުތަމައުގައި މަދުކުރުމަށް މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން މަގުފަހިވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެކިއެކި މުއައްސަސާއަކުން 43 މީހުން ވަނީ ބައިވެރިވެފައެވެެ.