ޚަބަރު

ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މި އަހަރުގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމަށް މީހުން ހޮވާނީ މިމަހުގެ 12 ވާ ހޯމަ ދުވަހު އޮންނަ 'ވޯކް-އިން' އިންޓަރވިއުއަކުން ކަމަށެވެ.

ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި އޭ ލެވެލް ނިންމައި، މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ނެތް ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުޤުވެރިވާ މީހުން މިމަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2 އާއި ހަވީރު 5 އާއި ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރވިއުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިރާގުންވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި އިންޓަރވިއުތައް ދިރާގު ގެ މައި އޮފީހުގެ އިތުރުން ހުރިހާ ރީޖަނަލް އޮޕަރޭޝަން ސެންޓަރު ތަކެއްގައިވެސް ކުރިއަށްދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސޭލްސް، މާކެޓިން، ޕްރޮކިއުމެންޓް އަދި ޕްރޮޕަޓީ މެނޭޖްމެންޓް ގެ އިތުރުން ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަން ޑިޕާޓްމެންޓް ހިމެނެއެވެ.

ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.