ޚަބަރު

ނަޞްރުގެ ދުވަހު ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމައިފި


މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖައްސައިފިއެވެ. މިގޮތުން މިއަހަރުގެވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ހެޑްކުއޯޓާރޒްތަކުގައި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމާއި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާދަމާ ހެނދުނު 6:30ގައި ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މާދަމާ ހަވީރު ކުރިއަށްދާނެއެވެ. މިގޮތުން މާދަމާ ހަވީރު 16:00 ގައ ޖުމްހޫރިީ މައިދާނުގައި މި ހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު މިމހަުގެ 4 އަދި 5 ވަނަ ދުވަހު ހުޅުމާލެއާއި ވިލިމާލޭގައި ވެސް މި ހަރަކާތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވ. މިގޮތުން މި ދެރަށުގައި މިހަރަކާތް ހަވީރު 17:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. .
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ކުރިޔަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައެވެ.
މި ހަރަކާތްތަކުގެ އިތުރުންވެސް މި ދުވަހުގެ މުނާޞަބަތުގައި ސިފައިންގެ 22 ވަނަ ފޮޓީ މައުރުޒް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ނަޞްރުގެ ދުވަހު ބާއްވާއިރު ހަރަކާތް ކުރިއަށްދާނީ އދ. މަހިބަދޫގައެވެ.

މި ފޮޓޯ މަޢުރަޒުގައި، 1988 ނޮވެމްބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ފޮޓޯ މަޢުރަޒު ހުޅުވާފައި ހުންނާނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.

އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިފޮޓޯ މައުރަޒުގެ ތެރެއިން ޢާއިލީ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.