އަދާލަތު ޕާޓީން އެންމެ އިސްކަމެއް ދޭނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ދެމެހެއްޓުމަށްކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ތިން އަހަރަށްވުރެ ދިގު ޖަލު ޙުކުމެއްގައި ހުންނެވުމަށްފަހު މިނިވަން ވެވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ހޯދި ކާމިޔާބީގެ އަސްލަކީ ގުޅިފައިވާ ޕާޓީތަކުގެ ބަދަހި ގުޅުންކަމަށެވެ. އަދި މިސަރުކާރު ކުރިއަށް އޮތް ފަސްއަހަރަށް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިއްމުކަމަކީ މި ގުޅުން ދެމެހެއްޓުންކަމަށް އިމްރާން ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ރޫޅި، ސަރުކާރު ވެއްޓިއްޖެނަމަ އެއްވެސް ރައްޔިތަކު އެކަމަށް މާފެއް ނުކުރާނެކަމަށް އިމްރާން ވިދާޅުވިއެވެ.
"ޕާޓީތަކުގެ ބަދަހި ގުޅުން އޮވެގެން ނޫނީ މިސަރުކާރު ކުރިއަށް ނުދާނެ. ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަންޖެހޭ. އަދި އެކަމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ. އަދާލަތު ޕާޓީގެ އެންމެ އިސްކަމަކަށްވާނީ އިބޫގެ ސަރުކާރު 5 އަހަރަށް ދެމެހެއްޓުމަށް މަސައްކަތްކުރުން. އަދި މިސަރުކާރު ކާމިޔާބުކޮށް ރައްޔިތުން އެދޭފަދަ އުއްމީދީ ސަރުކާރެއް ޤާއިމްކުރުން." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ހުރިހާކަމެއްވެސް ކުރައްވާނެކަމަށާއި މަޤާމަކުން ފެނިގެންދާނީ އެކަމަށް އިންތިޚާބީ ރައީސް އެދިވަޑައިގަތުމުންކަމަށެވެ.
ޝައިހް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން "މޭޑޭ"ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމަށް މީގެ ކުރިން ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާޢީދުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެހުކުމް ތަންފީޒުކުރުން ފަސްކޮށް، އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.