ޚަބަރު

ފޯ ސީޒަންސްގެ އެޕްރެންޓިސް ޕްރޮގުރާމަށް އައްޑުއާއި ފުވައްމުލައް ސިޓީން ޒުވާނުން ނަގަނީ


ފޯ ސީޒަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އައްޑޫ އަދި ފުވައްމުލައް ސިޓީން ކުދިން ނެގުމަށް ފޯ ސީޒަންސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ނިންމައިފިއެވެ.

ފޯސީޒަންސްގެ އެޗްއާރު ޑިޕާޓްމެންޓުގެ ޕީޕަލް އެންޑް ކަލްޗަރ މެނޭޖަރ ވިދާޅުވީ މިފަހަރުގެ އައްޑޫ އިންޓަވިއު ޕްރޮގްރާމް އޮންނާނީ ނޮވެމްބަރ 3 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު އައްޑޫ ސިޓީ ހިތަދޫ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގައި ކަމަށެވެ. އަދި ހަވީރު 5 އިން ފެށިގެން އައްޑޫ ސިޓީ މަރަދޫ އިރުޝާދިއްޔާ ސްކޫލްގައެވެ.

މީގެ އިތުރަށް ފުވައްމުލައް ސީޓީގައި އެދުވަހު ހެދުނު 9 ޖަހާއިރު ޙާފިޒް އަޙްމަދު ސްކޫލުގައި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުދީން ހޮވުމުގެ އިންޓަވިއު އޮންނާނެކަމަށްވެސް ފޯ ސީޒަނުން މަޢުލޫމާތު ދިނެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އަންނަ އަހަރުގެ މޭއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 1 އަހަރަށް ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ. މިއީ ސްކޫލު ނިންމާ ކުދިންނަށް، ވަކިން ޚާއްޞަ ކޮށްގެން ބާއްވާ ޕްރޮގްރާމަކަށް ވުމުން، މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް ފޯ ސީޒަނުން ބުނެއެވެ.

އިންޓަވިއުއިން ހޮވޭ ކުދިންނަށް އަންނަ އަހަރު ފޯ ސީޒަން ކުޑަހުރާ އަދި ލަނޑާގިރާވަރު، މި ދެ ރިސޯޓުގައި ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފޯސީޒަންސްގެ އެޗްއާރު ޑިޕާޓްމެންޓްގެ ޕީޕަލް އެންޑް ކަލްޗަރ މެނޭޖަރ ވިދާޅުވިއެވެ. އައްޑުއާއި ފުވައްމުލައް ސިޓީ ގެ އިތުރުން، ރާއްޖޭގެ އެހެން އަތޮޅުތަކުންވެސް އެޕްރެންޓިސް ޕްރޮގުރާމަށް ކުދިންނެގުމަށް ވަނީ ހަމަޖެހިފައެވެ.

ފޯ ސީޒަންސް ހޮޓެލްސް އެންޑް ރިސޯޓްސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީނު ދިނުމުގެ ބޭނުމުގައި 2001 އިން ފެށިގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެޕްރެންޓިސްޝިޕް ޕްރޮގުރާމަށް ކުދިން ނަގަމުން އަންނަ އިރު މިހާތަނަށް 500 އަށްވުރެ ގިނަ ކުދިން މި ޕްރޮގްރާމުގެ ދަށުން ދަސްވެނިވިފައިވާކަމަށް ފޯ ސީޒަންސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ބުނެއެވެ.