ޚަބަރު

ޚާއްޞަ ފެއަރއަކާއެކު ފްލައިމީން އައްޑުއާއި ފުވައްމުލައް ސިޓީއަށް ދަތުރުތައް ފަށަނީ


ފްލައިމީން ގަމާއި ފުވައްމުލަކަށް ޢަމާޒުކޮށް އަގު ހެޔޮ ފެއަރއެއް ތަޢާރަފު ކޮށްފިއެވެ.

"އަރލީ ބާރޑް" ގެ ނަމުގައި ތަޢާރަފު ކުރި މިފެއަރގެ ދަށުން އައްޑުއާާ ފުވައްމުލައް ސިޓީއަށް ކުރާ ދަތުރުތަކުން ކޮންމެ ކޮޅަކަށް ޕްރޮމޯޝަނަލް ރޭޓެއް ހަމަޖައްސާފައިވާކަމަށް ފްލައިމީއިން ބުނެއެވެ. މިކަން ހާމަކޮށް ވިލާއެއަރއިން ޢާއްމު ކުރި ބަޔާނުގައި ވަނީ ފްލައިމީއިން މާލެއިން ގަމާއި ފުވައްމުލަކަށް ކުރާ ދަތުރުތަކަކީ ކޮންބައިން ދަތުރު ތަކެއްކަމަށާއި، އެގޮތުން މާލެ އިން ފުވަމުލަކަށް އަދި ގަމުން މާލެއަށް ކުރާ ދަތުރުތަކުން އާލީ ބާޑް ފެއަރގެ ގޮތުގައި ކޮންމެ ކޮޅަކަށް 10 ސީޓު 999ރގެ ރޭޓުން ހަމަޖައްސާފައިވާކަމަށެވެ.

ފްލައިމީގެ ދަތުރުތައް ގަމާއި ފުވައްމުލަކަށް ފެށުމަށް ވިލާ އެއަރއިން ޓާރގެޓް ކޮށްފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. ފްލައިމީގެ ފްލައިޓްތައް ޝެޑިއުލްކޮށްފައިވަނީ އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަދުވަހުގެ މެންދުރު 13:00އިން އަދި ބުރާސްފަތި، ހުކުރު، އަދި ހޮނިހިރު ދުވަހުގެ ހަވީރު 18:00އިން ފުރާ ގޮތައްކަމަށާއި ޓިކެޓް ބުކިން މިއަދުން ފެށިގެން ފުލައިމީގެ ވެބްސައިޓުންނާއި، ކޯލް ސެންޓަރުތަކުންނާއި، ވައިބަރ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެކަމަށް ވިލާ އެއަރއިން ބުނެއެވެ.

މީގެ ކުރިންވެސް ފްލައިމީގެ ދަތުރުތައް ގަމާއި ފުވައްމުލަކަށް ކުރަމުން ދިޔައިރު އަގުތަކަށް ހެޔޮ ބަދަލެއް އައިސް ދަތުރުފަތުރު ކުރުމަށް ފަސޭހަތަކެއް ލިބިގެންދިޔައެވެ. ފްލައިމީގެ ދަތުރުތަކުގެ އަގާއި، އެފަރާތުން ދޭ ޚިދުމަތް ވެގެން ދިޔައީ ރައްޔިތުން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަތް ޚިދުމަތްތަކެއް ކަމަށް ވިލާއެއަރ އިން ބުނެއެވެ. ފްލައިމީގެ ދަތުރުތައް ހުއްޓުމާއެކު އައްޑުއާއި ފުވައްމުލަކަށް މިހާރު ދަތުރުތައް ކުރަމުން އަންނަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެކަންޏެވެ. ފްލައިމީން މިހާރު ދަތުރުތައް ކުރަމުން އަންނަ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި، ބ. ދަރަވަންދޫ ހިމެނެއެވެ.