ޚަބަރު

މާލީ ބަޔާން ހުށަހެޅުމުގެ ފުރުޞަތު އޮޑިޓަރ ޖެނަރަލް ވަނީ ރައީސަށް ދެއްވާފައި- ރައީސް އޮފީސް


ރިޔާސީ ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ފަހު ދައުރު ހިމަނައިގެން މާލީ ބަޔާން ހުށަހެޅުއްވުމަށް އަންގާ އޮޑިޓަރު ޖެނެރަލް ސިޓީއެއް މީގެ ދެތިން ދުވަސް ކުރިން ރައީސް އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި އޮޑިޓަރ ޖެނަރަލްގެ ލަފާފުޅާ އެއްގޮތަށް ރައީސް ޔާމީންގެ މާލީ ބަޔާނާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

އިބްރާހިމް މުއާޒް އަލީގެ ޓްވީޓުގައި ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ޤަވާއިދުން މާލީ ބަޔާން ހުށަނާޅުއްވާކަމާއި އެ ބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރައްވާފައިވެއެވެ.