އަންނަ އަހަރު އޮޑިޓަރަ ޖެނެރަލް އޮފީހަށް 52 މިލިއަން ރުފިޔާގެ ބަޖެޓަށް ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އޮޑިޓު އޮފީހަށް 52 މިލިއަން ރުފިޔާ ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
އޮޑިޓު އޮފީހުގެ ބަޖެޓަކީ ދަޢުލަތުގެ ބަޖެޓާއި މުޅިން ވަކިން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާ ބަޖެޓެކެވެ. އެގޮތުން މި ބަޖެޓު މަޖިލީހަށް ވެއްދުމާއިއެކު މާލިއްޔަތު ކޮމެޓީން އޮޑިޓު އޮފީހުގެ ބަޖެޓު ދިރާސާ ކުރާނެއެވެ. އަދި މަޢުލޫމާތު ހޯދުމަށް އޮޑިޓު އޮފީހުގެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރައްވާނެއެވެ.
މާލިއްޔަތު ކޮމެޓީން ނިންމީ 60.6 މިލިއަނަށްވުރެ އިތުރުނުވާ މިންވަރަށް އޮޑިޓު އޮފީހުން ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން ނުވަތަ ޚާއްސަ ބަޖެޓުން ފިނޭންސް މިނިސްޓަރ ނިންމަވާ ގޮތެއްގެ މަތިން ހަމަޖައްސައި ދޭންޖެހޭނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓު އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ވަނީ ފަސްދޮޅަސް މިލިއަން ހަލައްކަ ދެހާސް އެއް ރުފިޔާ އަށްލާރި ހުށަހަޅާފައެވެ. އޭގެތެރޭގައި އޮޑިޓަރ ޖެނެރަލްގެ މުސާރައާ އެހެނިހެން އިނާޔަތްތަކަށް ހަތްލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މުވައްޒަފުންގެ މުސާރައާ އެހެނިގެން އިނާޔަތްތަކަށް 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މުވައްޒަފުން ތަމްރީން ކުރުމާއި މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް އޮޑިޓު އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ.
އޮފީހުގެ އިދާރާ ޚަރަދަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު މަސައްކަތް ހިންގުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރުގެ ޚިދުމަތްތަކާއި އެހެނިހެން ކަންތައްތަކަށް 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮޑިޓު އޮފީހުން ވަނީ މަޖިލީހަށް ހުށަހެޅި އެ އޮފީހުގެ ބަޖެޓުގައި ކަނޑައަޅާފައެވެ.
ފަންސާސް ދެ މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރު އޮޑިޓު އޮފީހަށް ދިނުމަށް މަޖިލީހުން ނިންމާފައިވާއިރު މިއަހަރަށް އެ އޮފީހަށް ދީފައިވަނީ 48.89 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.