ޚަބަރު

ދުބާއީގައި ބާއްވާ، ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ދިވެހި ދަރިވަރަކު ފުރައިފި


ދުބާއީގައި ބާއްވާ، ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ދިވެހި ދަރިވަރަކު ފުރައިފިއެވެ.

ދުބާއީ ގައި ބާއްވާ 3 ވަނަ, ޝައިޚާ ފާޠިމާ ބިންތި މުބާރަކު އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދުބާއީއަށް ފުރާފައިވަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑު 11 ގައި ތަޢުލީމު ޙާޞިލްކުރަމުންދާ ފާޠިމަތު ރަހުވާ ރަޝީދެވެ.

ނޮވެމްބަރު 4 އިން 16 އަށް ދުބާއީގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާ ދިވެހި ދަރިވަރު ފާޠިމަތު ރަހުވާ އަކީ އުމުރުން 13 އަހަރުގައި ޙާފިޠްކަމުގެ ސަނަދު ހާސިލްކޮށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާފިޡްކަމުގެ ޝަރަފުވެރި މެޑަލް 2016 ވަނަ އަހަރު ޙާޞިލް ކޮށްފައިވާ ދަރިވަރެކެވެ.

ފާޔިމަތު ރަހުވާ ވަނީ މީގެ ކުރިންވެސް މިފަދަ މުބާރާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން 2016 ވަނަ އަހަރު ބޭއްވި "13 ވަނަ އަލްޖީރިއާ ހޮލީ ޤުރުއާން ރެސިޓޭޝަން ޕްރައިޒް" މުބާރާތުގައި ބައިވެރިވެފައިވާއިރު، މިދިޔަ އަހަރު މިސްރުގައި ބޭއްވި 24 ވަނަ އިންޓަރނޭޝަނަލް ޤުރުއާން މެމޮރައިޒޭޝަން ކޮމްޕެޓިޝަންގައިވެސް އޭނާ ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. އަދި މިއަހަރު މެލޭޝިއާގައި ބޭއްވި "60 ވަނަ އިންޓަރނޭޝަނަލް އަލްޤުރުއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީގައިވެސް އޭނާ ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. މީގެ އިތުރުންވެސް ރަހުވާ ވަނީ ރާއްޖޭގައި ބޭއްވި އެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތަކެއްވެސް ހާސިލްކޮށްފައެވެ.

ރައުހާ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ، އުމުރުން އެންމެ 7 އަހަރުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެގެންނެވެ. ޙާފިޡް ކަމުގެ ސަނަދު ހާޞިލްކުރުމަށްފަހު ރަހުވާ މިހާރު ކިޔަވަމުން ގެންދަނީ އިޖާޒާ ކުލާހުގައެވެ.