ޚަބަރު

ބަޖެޓުގައި ހިމެނުމަށް އިންތިޚާބީ ރައީސް ބޭނުންފުޅުވާ ކަންކަން މާދަމާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ- މާރިޔާ


އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަޖެޓުގައި ހިމެނުމަށް އިންތިޚާބީ ރައީސް ބޭނުންފުޅުވާ ކަންކަން ފިނޭންސް މިނިސްޓްރީއަށް މާދަމާ ފޮނުވާނެކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މާރިޔާ ވިދާޅުވީ މާލިއްއަތު ޤާނޫނުގައިވާގޮތުން، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ފޮނުވަންޖެހެނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ކަމަށެވެ. އެހެންކަމުން ވަގުތު އޮއްވާ މިނިސްޓަރަށް އެފުރުޞަތު ދިނުމުގެ ގޮތުން އިންތިޚާބީ ރައީސް ބޭނުންވާ ކަންކަން މާދަމާ ހުށަހަޅަން ނިންމަވާފައިވާކަމަށެވެ.

"އެމަނިކުފާނަށް އެކަން ކުރެވޭނެ މުއްދަތު އޮއްވާ އަޅުގަނޑުމެންގެ ބަޖެޓު އެބޭފުޅުންނާއި ހިސާބަށް ދާނެ. އިރާދަކުރެއްވިއްޔާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވޭހާ ވަގުތު އޮތްވާ އެބޭފުޅުންނާއި ހިސާބަށް އަޅުގަނޑުމެންގެ ބަޖެޓް ދާނެ." މާރިޔާ ވިދާޅުވިއެވެ.

ބަޖެޓަށް ގެންނަންޖެހޭ އިދާރީ ބަދަލުތަކާއި އައު ސިޔާސަތުތަކުގެ ތަފްޞީލް ހިމެނޭހެން ބަޖެޓަށް ގެންނަންގެޖޭ ބަދަލުތައް ފުނުވައިދެއްވުމަށް އިންތިޚާބީ ރައީސްގެ އަރިހުން ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައިވާއިރު އެބަޖެޓު ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.