ޚަބަރު

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން، ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި


ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް ހިނގަމުންދާތީ، ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުގައިހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.

އެމްބަސީން މިހެން އިލްތިމާސްކޮށްފައިވަނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާ ގުޅިގެން އެޤައުމުގައި ހަމަނުޖެހުންތައް ހިންގަމުންދާތީއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު އިޢުލާނުގައިވަނީ، ލަންކާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން، ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި މުޒާހަރާ ކުރަމުންދާތީ، އެޤައުމުގައި އުޅޭ ދިވެހިން ބޭރަށް ނުކުމެ އުޅުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮންމެހެން ދާންޖެހިގެން ނޫނީ މީހުން ބައިބޯވާ ތަންތަނަށް ނުދިއުމަށްވެސް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެމްބަސީއަށް އެންގުމަށްވެސް ސްރީލަންކާގައިހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ސްރީލަންކާގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި މިހާތަނަށް އެކަކު މަރުވެފައިވެއެވެ.