ޚަބަރު

ކޯރަމް ހަމަނުވުމުން އޮޑިޓް އޮފީހުގެ ބަޖެޓަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލައިފި


އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ވޯޓަށް އެހުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ވޯޓަށް ނާހާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުންގެ ތަޅުމުން އެއްވެސް ކަމެއް ފާސްކުރުމަށް ވޯޓަށް އެހޭނީ މަދުވެގެން 22 މެމްބަރުންގެ ހާޞިރުގައެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ވޯޓަށް އެހިއިރު މަޖިލީހުގައި ހާޟިރުވެތިބީ އެންމެ 7 މެމްބަރުންނެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މާލިއްޔަތު ކޮމެޓީގައި މަޝްވަރާކުރުމަށްފަހު، ކޮމެޓީގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލް އޮފީހަށް ފާސްކުރާ ބަޖެޓްގެ ޢަދަދަކީ 52 މިލިއަން ރުފިޔާކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓް ފަސްދޮޅަސް މިލިއަން ހަލައްކަ ދެހާސް އެއް ރުފިޔާއަށްވުރެ އިތުރުނުވާ މިންވަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ކޮންޓެންޖެންސީ ބަޖެޓުން ނުވަތަ ޙާއްސަ ބަޖެޓުން ފިނޭންސް މިނިސްޓަރ ނިންމަވާގޮތެއްގެމަތިން ހަމަޖައްސައި ދިނުމަށްވެސް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ވޯޓަށް އެހޭގޮތް ވަނީ ނުވެފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސެން މަނިކު ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ފާސްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ބަޖެޓަށް ބަހުސްކޮށް ވޯޓަށް އެހުމުގެ މަރުހަލާގެ ތެރެއިން، އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން ލިބެމުންނުދާތީ، ނިޙާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމެޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށް މަޖިލީހުގެ ރިޔާސަތުން 1 ގަޑިއިރުގެ ފުރުޞަތެއް އެރުވުމުން، ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހަޅާފައިވާ ބަޖެޓު ފާސްކުރުމާއި އެއްކޮށްޅަށް ވާހަކަދައްކަވާފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވައި ސަރުކާރުގެ ވުޒާރާތައް ޒިންމާދާރުކުރުމަށް އެންމެ މުހިއްމު މަސައްކަތެއް ކުރާ އެއްތަނަކީ އޮޑިޓަރ ޖެނެރަލް އޮފީސްކަމަށްވެފައި، އެތަނަކީ ވަސީލަތުގެ ގޮތުން ފުދުންތެރި ތަނަކަށް ހެދުން މުހިއްމުކަން ބައެއް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ގިނަ މެމްބަރުން އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި އެއްކޮޅަށް ވާހަކަދައްކަވާފައިވާއިރު، ބައެއް މެމްބަރުން ވަނީ ދަޢުލަތުގެ ބަޖެޓުގެ ބޭރުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ފާސްކުރުމަކީ ޤާނޫނުން ކޮންމެހެން ލާޒިމްކުރާ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޢަތްތަކުގެ ގޮތުގައި 41 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާއިރު، އިދާރީ ޚަރަދުތަކަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.