ޚަބަރު

ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމާބެހޭ ސެމިނާއެއް ފުވައްމުލައް ސިޓީގައި ފަށައިފި


ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމާބެހޭ ސެމިނާއެއް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ސެމިނާގައި ކުޑަކުދިންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް ހޭލުންތެރި ކުރުމާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނައި ދިނުމާއި، ފަނޑިޔާރުންނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މީހުން މި ދާއިރާގެ ތަޖުރިބާ ހިއްސާ ކުރުން ކުރިއަށްދާނެކަމަށް އެ އެކަޑަމީން މައުލޫމާތުދެއެވެ.

އަދި ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މި ސެމިނާގެ ތެރެއިން ޙިއްޞާކޮށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާ ކުރުމަށް ހަމަޖެހިފައިވާކަމަށް ޖުޑީޝަލް އެކަޑަމީން ބުނެއެވެ.

މިސެމިނަރަކީ ސ. އަދި ޏ. ޖުޑިޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަތޮޅު ކައުންސިލް އިދާރާ ތަކާއި، ސްކޫލްތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ހިންގާ ސެމިނާއެކެވެ.

ޔުނިސެފް މޯލްޑިވްސްގެ މާލީ އެހާތެރިކަމާއެކު ފުވައްމުލައް ސިޓީގައި ކުރިއަށްދާ މިސެމިނާ ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.