 
										
			ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ވީހާވެސް އަވަހަށް ނިންމޭގެ ގޮތަށް ކޯޓްތަކުގެ މަސައްކަތްތައް އިންތިޒާމްކުރަންޖެހޭކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޒް އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.
މެޖިސްޓްރޭޓް ކޯޓުތަކަކަށް މެޖިސްޓްރޭޓުން ޢައްޔަންކުރުމަށް ސުޕްރީމް ކޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޒް އިބްރާހިމް ރިޒާ ވިދާޅުވީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުބަލާ ލަސްވުމަކީ އެކޮމިޝަނުން ވަރަށް ކަންބޮޑުވާކަމެއްކަމަށާއި މައްސަލަތައް ލަސްނުކޮށް ވީ އެންމެ އަވަހަކަށް ބަލައި ނިންމަންޖެހޭކަމަށެވެ.
ރިޒާ ވިދާޅުވީ ފަނޑިޔާރުން ވާންޖެހޭނީ ޤާނޫނު އަސާސީއަށް ފުރިހަމައަށް ތަބާވެ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. ފަނޑިޔާރުންނަކީ އަބުރުވެރި ބަޔަކަށް ވާންޖެހޭކަމަށާއި ފަނޑިޔާރުކަމަށް އައްޔަންވުމާއެކު ވަކި ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓަންޖެހޭކަމަށް ޖޭއެސްސީގެ ނާއިބުރައީސް ވިދާޅުވިއެވެ.
		
 
					
									 
					
									
			މި ރަސްމިއްޔާތުގައި މެޖިސްޓްރޭޓް ކޯޓުތަކަށް 15 ފަނޑިޔާރަކު އައްޔަންކުރައްވައި ފަނޑިޔާރުކަމުގެ ހުވާކުރައްވާފައިވެއެވެ. 
ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އައްޔަންކުރެއްވި 15 ފަނޑިޔާރުންނަށް ހުވައި ލައިދެއްވައި މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.