ޚަބަރު

ހއ އިހަވަންދޫގެ މަގުތައް ލެވެލްކުރުމުގެ މަސައްކަތް ފަށައިފި


ހއ. އިހަވަންދޫގެ މަގުތައް ފަސްއަޅާ ލެވަލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހއ އިހަވަންދޫ ކައުންސިލުން މަޢުލޫމާތުދޭގޮތުގައި އެރަށުގެ މަގުތައް ފަސްއަޅާ ލެވަލް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ކައުންސިލް އިދާރާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑު ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން އެ ރަށުގެ 18 މަގެއް ފަސްއަޅާ ލެވަލް ކުރަން ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ފިޔަވަހިތަކަކައް ބަހާލައިގެން ކުރުމަށް ހަމަޖެހިފައިވާ މިމަސައްކަތުގެ ދަށުން ރަށުގެ މައި މަގުކަމަށްވާ އަމީނީމަގު މިހާރު ވަނީ ވެލިއަޅާ ލެވެލް ކޮށްފައެވެ. މަގުތައް ލެވެލް ކުރުމަށް ބޭނުންކުރަމުންދަނީ ރަށުގެ ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންކުރުމަށް ފަހު ބާކީވެފަ ހުންނަ ވެލިކަމަށް ކައުންސިލް މެމްބަރ އަޙްމަދު ރިޟްވާން ވިދާޅުވިއެވެ.

މިމަސައްކަތަކީ ރަށުގެ މަގުތަކުގައި ހުރި އަޑިގުޑަންތައް ފަސްއަޅާ ލެވެލްކޮށް ދުއްވާތަކެތި ދުއްވުމަށް ފަސޭހަކުރުމާ އެކު، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއްކަމަށް ހއ އިހަވަންދޫ ކައުންސިލުން ބުނެއެވެ.