ޚަބަރު

ހއ އިހަވަންދޫގެ ކުނީގެ މައްސަލައަށް ޙައްލެއް ބޭނުންވެފައި


ރާއްޖޭގެ ގިނަ ރަށްތަކަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްކާތެރިގޮތުގައި ކުނި ނައްތާލާނެ ނިޒާމެއް ޤާއިމުވެފައިނެތުމެވެ. ޚާއްޞަކޮށް އާބާދީ ބޮޑު ރަށްރަށުގައި މިމައްސަލައަކީ ކަންބޮޑުވާވަރުގެ ބޮޑު އަދި އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލައެކެވެ. އެގޮތުން ހއ އިހަވަންދޫއަކީވެސް ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް މިއަދާހަމައަށް ޤާއިމުވެފައިނެތް ރަށެކެވެ. މިކަމުގެ ސަބަބުން އެރަށުގައި އުކާލެވޭކުނި ނައްތާލަމުންދާ ގޮތަކީ ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްނޫނެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހއ އިހަވަންދޫގައި ކުނިއުކަން ރަޖިސްޓްރީކޮށްފައިވާ ގޭބީސީތަކުން ކުނި ޖަމާކޮށް ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ޞަރަޙައްދައް ކުނި އުކާލުމުގެ މަސައްކަތް އިހަވަންދޫ ފެނަކަ ކޯރޕަރޭޝަނުން ދަނީ ކުރަމުންނެވެ. މިގޮތުން ފެނަކައިން ގާތްގަޑަކަށް ދުވާލަކު 16 ޕިކަޕުގެ ކުނި އުކާލާއިރު ކުނި އުކާލުމަށް ރަޖިސްޓްރީވެފައިނުވާ 100 ގޭބީސީތަކުން އުކާލެވޭ ކުންޏާއި ރަށުގައި ސިނާޢީ މަސައްކަތްތައްކުރާ ފަރާތްތަކުން އުކާލާ ކުނިވެސް ޖަމާކުރަމުންދަނީ ހަމަ މިޞަރަޙައްދަށެވެ. މީގެތެރޭގައި މިރަށުގައި ފައިބަރު މަސައްކަތްކުރާ ތަންތަނުން އުކާލާ ނުރައްކާތެރި ވިހަ އެކުލެވޭ ޒާތުގެ ކުނިވެސް ހިމެނެއެވެ.

ހއ އިހަވަންދޫގައި ކުނި އަޅާ ސަރަޙައްދަކީ ރަށުގައި މީހުން ދިރިއުޅޭ ޞަރަޙައްދާ 200 ވަރަކަށް ފޫޓުގެ ދުރުގައި އޮންނަ ޞަރަޙައްދެއްކަމުން ރަށުގެ ކައުންސިލުންވަނީ ރަށުގެ ރައްޔިތުންގެ ޞިއްޙީ ސަލާމަތްތެރިކަމަށްޓަކައި ކުނި އެންދުން ވަކި އުޞޫލުތަކެއްގެމަތިން ކަނޑައަޅާފައެވެ. އެގޮތުން އެ ދުވަސްވަރެއްގެ މޫސުމަށް ބަލައިގެން ރަށުތެރެއަށް ދުމުގެ އަސަރު ނުކުރާނެހެން އެންދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާތީ، ގިނަ ޢަދަދެއްގެ ކުނި ޖަމާކޮށްފައި ބަހައްޓަންޖެހެއެވެ. އަދި ދާދިފަހުން އިހަވަންދޫ ކައުންސިލުންވަނީ ރައްޔިތުންގެ ބަޖެޓުން 50000ރ (ފަންސާސް ހާސް ރުފިޔާ) އަށްވުރެ ގިނަ ރުފިޔާ ހޭދަކޮށް ކުނިއަޅާ ޞަރަޙައްދު ސާފުކޮށް އަދި އެ މަސައްކަތައް ޚާއްޞަކޮށް މަސައްކަތު މީހަކުވެސް މުނިސިޕަލް ޔުނިޓަށް ޢައްޔަންކޮށްފައެވެ.

މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ރަށުގެ ކައުންސިލުން ކަމާބެހޭ މިނިސްޓްރީތަކަށް އެތައްފަހަރަކު ދަންނަވާފައިވީނަމަވެސް މިކަމާގުޅޭ އެދެވޭ ޙައްލެއް އަދި ރަށުގެ ރައްޔިތުންނަށް ލިބިފައިނުވާކަން އިހަވަންދޫ ކައުންސިލް މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.