ޚަބަރު

ބީއެމްއެލް އިސްލާމިކުން އައު ލޯން ސްކީމެއް ތަޢާރަފްކޮށްފި


ބީއެމްއެލް އިސްލާމިކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ހާއްސަ ލޯން ސްކީމެއް ތައާރަފްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އަލަށް ތަޢާރަފްކުރި ލޯން ސްކީމްގެ ދަށުން ޝަރީޢާ ހުއްދަކުރާ ކޮންމެ ބޭނުމަކަށްވެސް ފަންސާސް ހާސް ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިނޭންސް ހަމަޖެހޭނެކަމަށެވެ. މި ސްކީމްގެ ދަށުން ޕްރޮޖެކްޓުގެ ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 އިންސައްތަ އާ ހަމަޔަށް ބޭންކުން ފައިނޭންސް ހަމަޖައްސައިދޭއިރު މަހުންމަހަށް ފައިސާ ދެއްކުމަށް 12 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް އެބޭނުންކުން މައުލޫމާތުދެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި، އާ ވިޔަފާރި އެއް ފެށުމަށާއި، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށް އެދި ހުށަހެޅޭނެކަމަށެވެ.

ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނާއި އަދި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޖެނެރަލް ފައިނޭންސް އަށް އެދި ހުށަހެޅޭނެކަމަށް އެބޭންކުން މައުލޫމާތުދެއެވެ.