ޚަބަރު

ސްރީލަންކާގެ ސިޔާސީ ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެ


ސްރީލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ، މަޤާމުން ދުރުކުރައްވާފައިވާ އެ ޤައުމުގެ ތެލާ ބެހޭ ވަޒީރު އޭނާގެ އޮފީހަށް ވެންނެވުމަށް ކުރެއްވި މަސައްކަތުގައި ހިންގި ހަމަނުޖެހުންތަކެއް އެކަކު މަރުވެއްޖެއެވެ.

ސްރީލަންކާގެ ފުލުހުން ބުނެފައިވަނީ މި ހަމަނުޖެހުންތައް ހިނގާފައިވަނީ ސްރީލަންކާގެ ކުރީގެ ތެލާ ބެހޭ ވަޒީރު އަރުޖުނާ ރަނަތުންގާ އޭނާގެ ކުރީގެ އޮފީހަށް ވެންނެވުމަށް މަސައްކަތްކުރެއްވުމުގެ ސަބަބުން ކަމަށާއި އޭނާގެ ހަށިފާރަވެރިއަކަށް ހުރި މީހަކު ވަނީ، އެ ސަރަހައްދުގައި އެއްވި ތިބި މީހުންނަށް އަމާޒުކޮށް ބަޑިން ހަމަލާދީފައި ކަމަށެވެ. އަދި މި ހަމަލާގައި އެކަކު މަރުވެފައިވާއިރު މި ގާޑު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ސްރީލަންކާގެ ފުލުހުން ބުނެއެވެ.

މި ޙާދިސާގެ އިތުރު ތަހްޤީޤުތައް ކުރަމުންދާ ކަމަށްވެސް ސްރީލަންކާގެ ފުލުހުން ވަނީ ބުނެފައެވެ. މިދިޔަ ހުކުރުދުވަހު ސްރީލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ އެ ޤައުމުގެ ބޮޑު ވަޒީރުކަމުގެ މަޤާމުގައި ހުންނެވި ރަނިލް ވިކްރަމްސިންހަ އާއި އޭނާގެ ވަޒީރުންގެ މަޖިލީސް މަޤާމުން ދުރުކުރެއްވި ފަހުން އެ ޤައުމު ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ.

ރައީސް ސިރިސޭނާ ވަނީ ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ހަމަޖައްސަވާފައެވެ. ސިރިސޭނާ ވިދާޅުވީ، މި ގޮތަށް ނިންމެވީ އޭނާ އަވަހާރަކޮށްލުމަށް ރޭވި ރޭވުމެއް ފަޅާއެރުމުގެ ސަބަބުން ކަމަށާއި، ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު އިނދަޖެހިފައިވާކަމަށެވެ.