ޚަބަރު

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގަ ރޭޑިއޯލޮޖިސްޓެއްގެ ޚިދުމަތް ފަށައިފި


ފުވައްމުލައް ސިޓީގައި ފުރަތަމަ ފަހަރަށް ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތް ފަށައިފިއެވެ.

ފުވައްމުލައް ސިޓީ ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި އެ ހޮސްޕިޓަލުން ވަނީ މިއަދުން ފެށިގެން ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތް ޢާއްމުކޮށް ދޭން ފަށާފައެވެ. އެ ހޮސްޕިޓަލަށް އަލަށް ގުޅުނު ރޭޑިއޮލޮޖިސްޓަކީ މިޞްރުގެ ޑޮކްޓަރެއް ކަމަށާއި ، ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން މި ޚިދުމަތް ދޭން ނިންމާފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

" 90 އިގެ އަހަރު ތަކުން ފެށިގެން މި ހޮސްޕިޓަލުން (ފުވައްމުލައް ސިޓީ ހޮސްޕިޓަލް) އިން ސްކޭންގެ ޚިދުމަތް އެބަދެން. އެހެންނަމަވެސް މީގެ ކުރިން ސްކޭންގެ ޚިދުމަތް ދެނީ ގައިނޮކޮލޮޖިސްޓުން ( އަންހެނުންގެ ބައްޔަށް ޚާއްޞަ ޑޮކްޓަރުން) ގެ އެހީގައި. އަދި ކިރިޔާ ރޭޑިއޮލޮޖިސްޓެއް މި ލިބުނީ. މިއަދުން ފެށިގެން ސްކޭން ކުރުމުގެ ޚިދުމަތް މާބަނޑު މީހުން ނޫނަސް، މި ޚިދުމަތް ބޭނުންވާ އެހެނިހެން ބަލި މީހުންނަށްވެސް ލިބިގެންދާނެ. ރޭޑިއޯލޮޖީގެ ޚިދުމަތް ފެށިގެން ދިއުމުން ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ." ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ފަރުޒާދު ވިދާޅުވިއެވެ.

ފުވައްމުލައް ހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތް ނުލިބޭއިރު، ނާޒުކު ޙާލަތްތަކުގައި ޑޮކްޓަރުގެ އިރުޝާދާއެކު މާބަނޑު މީހުންވެސް ސްކޭންކުރަން ދަނީ މާލެއަށް ކަމަށްވުމާއެކު، މިއީ އެ ހޮސްޕިޓަލުން ވަރަށް ބޮޑަށް އެދި އެދި ތިބި ޚިދުމަތެއްގެ ގޮތުގައި ފަރުޒާދު ފާހަގަކުރެއްވިއެވެ.

ރޭޑިއޮލޮޖީގެ އިތުރުން ލެބޯރެޓަރީގެ ޚިދުމަތާއި، ޕިޒިއޮތެރަޕީގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުން ދެއެވެ. އަދި އޮޕަރޭޝަން ޑޮކްޓަރަކާއި ހޭނައްތާ ޚާއްޞަ ޑޮކްޓަރެއްގެ އެހީގައި ސިޒޭރިއަން ފަދަ އޮޕަރޭޝަންތައް މިހާރުވެސް ކުރެއެވެ. މިހުރިހައި ޚިދުމަތަކީ ވެސް އާސަންދަ ކަވަރުކުރާ ޚިދުމަތްތަކެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 160 މީހުން ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ފަރުވާ ހޯދާކަމަށް އެހޮސްޕިޓަލުން ބުނެއެވެ. ބަލި މީހުންނަށް ފަރުވާދިނުމަށް އެ ހޮސްޕިޓަލުގައި ޢާއްމު ބަލީގެ ޑޮކްޓަރުންގެ އިތުރުން، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ބަލިތަކައް ޚާއްޞަ ޑޮކްޓަރަކާއި، ކ.ނ.ކ ޑޮކްޓަރަކާއި، ދަތުގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެހަށީގެ ބަލިތަކައް ޚާއްޞަ ޑޮކްޓަރެއް ޙަރަކާތްތެރިވެއެވެ.