ޚަބަރު

"ޒީރޯ ޕްލާސްޓިކް ރަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އިންސައިޓް ކޮންސަލްޓެންސީ ސަރވީސްއިން ބާއްވާ "ޒީރޯ ޕްލާސްޓިކް ރަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި އައިސީއެސްއިން ކުރިއަށްގެންދާ މިރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު މިރަންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވުމަށް ހުށަހަޅަމުންދާކަމަށް އައިސީއެސްއިން ބުނެއެވެ. އެކި ޕެކޭޖްތައް ހިމެނޭ "ޒީރޯ ޕްލާސްޓިކް ރަން" މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައިކަމަށް އައިސީއެސްއިންބުނެއެވެ.

އިންސައިޓް ކޮންސަލްޓެންސީ ސަރވީސްއާއި ކްލީނިންގ ކުއެސްޓް ގުޅިގެން ކުރިއަށްގެންދާ މިރަން ސްޕޮންސަރކުރުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މިރަންގެ ތެރެއިން މޫދާއި ބީޗަށް ކުނި އެޅުމާއި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ބުނެދިނުމަށް ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަމަށް މި ރަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މިފަހަރުގެ ރަންގައި ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް މަދުކުރުމަށްކަމަށްވެސް ބާރު އަޅާނެކަމަށް އައިސީއެސް އިން މައުލޫމާތުދެއެވެ.

ހުރިހާ އުމުރަކަށް ޢާއްމުކޮށް ހުޅުވާލާއިގެން ކުރިއަށްގެންދާ މިރަން ބާއްވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުކަމަށް އެފަރާތުން ބުނެއެވެ.