ޚަބަރު

އޭޑީކޭގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި


މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އިނާމު ދީފިއެވެ.

މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންނަށް ހިތްވަރުދީ އެމީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެހޮސްޕިޓަލްގެ 50 އަށްވުރެ ގިނަ މުވައްޒަފުންނަށް އިނާމު ދީފައިވެއެވެ.

3 ކެޓަގަރީއަކަށް ބަހާލައިގެން އެވޯޑްތައް ދިފައިވާއިރު މި ހަފްލާގައި އެންމެ ފާހަގަކޮށްލެވޭ ގޯލްޑް އާއި ސިލްވަރ ޕާފޯމަންސް އަދި އެންމެ ރަނގަޅު މުވައްޒަފު ހޮވާ އެފަރާތްތަކަށް އެވޯޑާއި ފައިސާގެ އިނާމް ހަވާލުކުރިއެވެ. މިގޮތުން ސިލްވަރ އަދި ގޯލްޑް އެވޯޑް ހާސިލްކުރި 5 މުވައްޒަފަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ އޭޑީކޭގެ އިންޓާރނަލް މެޑިސިން މަސައްކަތްކުރާ ޑރ. އީޝްވަރު ޝަރްމާއެވެ. އޭނާއަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްތައް ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑރ. ޢަލީ ޝަމީމް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ހޮސްޕިޓަލެއް ހުޅުވައި ދިވެހިންނަށް ފެންވަރު ރަނަގަޅު ސިއްޙީ ޚިދުމަތްތަކެއް ދެމުންގެންދާތީ އެ ހޮސްޕިޓަލްގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ދެމުންދާ ސިއްޙީ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅުވަމުންދާކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލްގެ އެންމެ ރަނގަޅަށް ޕާރފޯމްކުރާ މުވައްޒަފުން ހޮވުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. އަދި މުވައްޒަފުންގެ އެވޯޑް ލިބޭ ފަރާތްތައް ހޮވުމުގައި ގިނަ ކަންތައްތަކަށް ބަލާ ކަމަށާއި، އޭގެތެރޭގައި ޕާފޯމެންސްއާއި، އެޓެންޑެންސްގެ އިތުރުން ހެލްތް އެންޑް ވެލްބީންގ ހިމެނޭކަމަށް އަފްއާލް ވިދާޅުވިއެވެ.

މިއީ އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މުވައްޒަފުންނަށް ޚާއްސަކޮށްގެން އިނާމާއި ހަދާނީ ފިލާ ދިން 8 ވަނަ އަހަރެވެ.