ޚަބަރު

ރާއްޖޭގެ އާބާދީގެ 8 އިންސައްތަ މީހުން ގައިގައި ހަކުރުބަލި ހުރޭ


ރާއްޖޭގެ އާބާދީގެ 8.3 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ ޓައިޕް 2 އަށް ޑައިގްނޯސްވެފައިވާ މީހުންކަމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޕްރޮގްރާމް ކޯޑިނޭޓަރ ޑރ. އަލީ ޝިއާން ވިދާޅުވީ ހަކުރު ބަލީގެ 2 ވައްތަރުކަމަށްވާ ޓައިޕް 1 އަދި ޓްއިޕް 2 ވެސް ރާއްޖޭގައި ހުރީ އެއްވަރެއްގައި ކަމަށެވެ. ހަކުރު ބަލީގެ ޓައިޕް 2 އަކީ އާއްމުކޮށް ބޮޑެތި މީހުންނަށް ޖެހޭ ބައްޔެކެވެ. އަދި ކުޑަކުދިންނަށް ޖެހޭ ހަކުރު ބަލީގެ ޓައިޕް 1 އަކީ ދުނިޔޭގެ ނިސްބަތުން މަދު ވައްތަރެކެވެ.

ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެބަލި ހުންނަކަން ނޭންގޭ މީހުންކަން ފާހަގަކުރައްވައި ޑރ. ޢަލީ ޝިއާން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް ރާއްޖޭގެ ޒުވާނުންނަށްވެސް ހަކުރުބަލީގެ ޓައިޕް 2 ޖެހެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ގައިންގަޔަށް އަރާ ބަލިތަށް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއެކު، ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ސަމާލުވުން މުހިންމުކަމަށް ޑރ. ޢަލީ ޝިއާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އާއްމުވެފައިވާ ހަކުރު ގިނަ ކެއިންބުއިމުގެ ބާވަތްތައް ރެސްޓޯރެންޓްތަކުންނާއި ގޭގެ ސުފުރާމަތިން ފެންނަމުންދާ ސިއްހަތު ރަނަގަޅުނޫން އާދަޔާ ޚިލާފު ހަކުރު ގިނަ ކެއުމުގެ ބާވަތްތަކުން ކުޑަކުދިންނާއި ޒުވާނުން ދުރުކުރުން މުހިއްމު. އަލާމާތްތައް ފެނުމުގެ ކުރިން ސިއްޙަތު ހުރީ ކިހިނެއްތޯ ދެނެގަތުން މުހިއްމު." ޑރ. އަލީ ޝިއާން ވިދާޅުވިއެވެ.

ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި ޑިއިބިޓީސް ސޮސައިޓީން ޙާއްޞަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް އެސޮސައިޓީން މައުލޫމާތުދެއެވެ. މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރު ބައްޔާއި އާއިލާ" އެވެ.