ޚަބަރު

އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަކީ މެންބަރުންގެ ޓްރާސްފަރ މާކެޓް ހުޅުވާލުން- ފާއިޒް


އެންޓިޑިފެކްޝަން ޤާނޫނު އުވާލުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓްރާންސްފަރ މާކެޓް ހުޅުވާލުންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން މެމްބަރުކަން ގެއްލޭގޮތަށް ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު މަޖިލީހަށް ބިލެއް ހުށައެޅުއްވުމާއި ގުޅިގެންނެވެ. ފާއިޒް ވިދާޅުވީ، އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަކީ ނުހައްޤު މުއްސަނދިކަމަށް ޖާގަދިނުންކަމަށެވެ.

އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، މި ޤާނޫނު، ޤާނޫނު އަސާސީއާ ތަޢާރަޒްވާކަމަށް ޤަބޫލުކުރައްވާތީކަމަށް ބިލް ހުށައެޅުއްވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝިދު ވަނީ ވިދާޅުވެފައެވެ.

އެންޓި-ޑިފެކްޝަން ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެންބަރެއްގެ ގޮނޑި ގެއްލުނުކަމަށް ނިންމާފައެވެ. ނަމަވެސް އެ ބާރަ މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 4 މެނަބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ޙުކުމްކޮށްފައެވެ. އަދި ބާކީ ތިއްބެވި 8 މެންބަރުންގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ އެ މައްސަލާގެ ޙުކުމް އިއްވުމެވެ.