ޚަބަރު

މިދިޔަ ފަސް އަހަރަށްވުރެ މިއަހަރު ޑެންގީހުން ރިޕޯޓް ކުރެވުނު މިންވަރު ގިނަ - އެޗްޕީއޭ


ވޭތުވެދިޔަ ފަސް އަހަރާ އަޅާބަލާއިރު މިއަހަރު ޑެންގީ ހުންޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ޢަދަދު ގިނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގުރާމް އޮފިސަރ އައިމިނަތު އަރޫޝާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ޑެންގީގެ ކޭސްތައް ރާއްޖޭގައި އިތުރުވެގެންދާކަމަށެވެ. މިގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެންގީ ހުމުގެ ކޭސްތައް ރިކޯޑު ކުރެވުނު މިންވަރު އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަރޫޝާ ވިދާޅުވީ މިދުވަސްވަރު ޑެންގޫ ހުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރަމުންދަނީ ހއ، ހދ، ލ، ޅ އަތޮޅުންކަމަށާއި މާލެ ސަރަޙައްދުން ހުޅުމާލެއިން ޑެންގޫހުން ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށެވެ. ޑެންގޫ ހުމުގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ޢާއްމު ސާފުތާހިރުކަމާއި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ އިތުރަށް ޢާއްމުން ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

" އާއްމުކޮށް ޑެންގީގެ ކޭސްތައް އިތުރުވަމުންދަނީ ޖޫން ޖުލައި ހިސާބާއި އަހަރުގެ ފަހުކޮޅު. އެހެންނަމަވެސް މިއަހަރު ޑެންގީ އިތުރުވެގންގޮސްފައިވަނީ އަހަރުގެ ކުރީކޮޅު.
ގާތްގަނޑަކަށް އޭޕްރީލްގެ ފަހުކޮޅުން ފެށިގެން ޖޫން އާ ހަމަޔަށް ޑެންގީގެ ކޭސްތައް އިތުރުވެފައިވަނީ." އަރޫޝާ ވިދާޅުވިއެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރ ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ ޑެންގޫ ހުންޖެހިގެން ދުވާލަކު ކުއްޖެއްގެ ނިޞްބަތުން އެޑްމިޓް ކުރަންޖެހޭކަމަށެވެ. ޑެންގީ ހުމުގެ ތިން ވައްތަރެއް ވާއިރު މި ތިން ވައްތަރުވެސް ރާއްޖެއިން ފެންނަމުންދާކަމަށެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި، ކުނިއަޅަން ޚާއްޞަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި، ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޑެންގީގެ ޢަލާމަތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއެކު ހުން އައިސް ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އެހެންކަމުން ހުން އަންނަނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމުގެ އިތުރުން، ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ. އަދި 3 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ ނުވަތަ ޑެންގީގެ ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ.