ޚަބަރު

ޑިސެމްބަރު މަހުގެ ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ މީހުން ހޯދަނީ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަހަރުގެ ޑިސެމްބަރު މަހު އިންތިޒާމު ކުރާ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ މީހުން ހޯދަން އެ ކޯޕަރޭޝަނުން އިޢުލާންކޮށްފިއެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލާފައިވަނީ ފިރިހެން ކައްކާއެއް ގެ މަޤާމާއި، އިމާމެއްގެ މަޤާމެވެ. މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅާ ފޯމާއި ކަމާއި ގުޅުން ހުރި މަޢުލޫމާތު އެ ކޯޕަރޭޝަންގެ އިތުރުން އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޢުމްރާ ދަތުރު ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވަނީ ޖުމްލަ 18 ގްރޫޕަކަށް ހުއްދަ ދީފައެވެ. ޙައްޖާއި ޢުމްރާއަށް ދާ ދިވެހިންނަށް ކަންކަން ފުރިހަމަ ކޮށްދިނުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީން މިއަހަރު އެކަމަށް އެދި ހުށަހެޅޭ ގޮތައް ކަނޑައަޅާފައިވަނީ ބިޑް ގެ އުޞޫލުންނެވެ. އަދި ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ފަރާތްތައް މޮނިޓަރުކޮށް، ޙައްޖާޖީންނާއި ޢުމްރާއަށްދާ މީހުންނާމެދު އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.