ޚަބަރު

އަބުރު ޤާނޫނު އުވާލުމަށް ހުށަހަޅައިފި


އަބުރު ރާއްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރުދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދުއެވެ. އަބުރު ރާއްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ، މި ބިލް ހުށައެޅުމުގެ މަޤްޞަދަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ބައެއް ހައްޤުތަކާއި، މިނިވަންކަން ނިގުޅައިގަނެފައިވާތީކަމަށެވެ.

އަދި މި ޤާނޫނުގެ ސަބަބުން ޤާނޫނީ ގޮތުން ފުށުއަރާ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޤާނޫނުތަކާއިވެސް މި ޤާނޫނު ތަޢާރަޒުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ބިލް ހުށައެޅުއްވީ، ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެ ސަބަބުން ލިބެމުންދާ އަނިޔާތަކާއި، ނިގުޅައިގެންފައިވާ ހައްޤުތައް ހޯދައިދނުމަށާއި، މިނިވަން ނޫސްވެރިކަމަށް ހުރި ހުރަސްތައް ނައްތަލުމުމަށްކަމަށްވެސް ޢަބްދުﷲ ޝަހިދު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މި ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މި ހަވާލުކުރަނީ ރައްޔިތުންގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މަސައްކަތުގައި އުޅުއްވި އެތައް ބޭފުޅުންނަށް ލިބެމުންދިޔަ އަނިޔާތަކާއި، ދުއްތުރާތަކާއި، އެބޭފުޅުންގެ ނިގުޅައިގެންފައިވާ ހައްގުތައް ހަނދާންކުރަމުން. އަޅުގަނޑު މިއަދު މިބިލް މި ހުށައަޅަނީ ރާއްޖޭގެ ނޫސްވެރިންނާއި، ރިޕޯޓަރުންނާއި، ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ މީހުންނަށް މިދިޔަ ދުވަސްތަކުގައި ލިބެމުންދިޔަ އަނިޔާތަކާއި، ތަހައްމަލުކުރަމުންގެންދެވި ހިތްދަތިކަން ހަނދާންކުރަމުން. އަދި ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ އެޅުވިފައިވާ ހިލިހިލާތައް ބުރބުރިކޮށްލުމުގެ ބޭނުމުގައި. އަދި މަޖިލީހުގެ އިއްތިފާޤުން މި ބިލް ފާސްކުރުމަށް ހުރިހާ މެންބަރުން ބައިވެރިވުމަށް އެދެމުން." ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި، މީހެއްގެ އަބުރަށް އަރައިގަނެފިކަމަށް ޝަރުޢީ ކޯޓެއްގައި ސާބިތު ވެއްޖެނަމަ 25 ހާސް ރުފިޔާއާ 2 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ތަސްދީޤްކޮށް ޢަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުންފެށިގެންނެވެ. އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.