ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މަޖިލީހުގެ މެމްބަރުންގެ މައްސަލަތައް ނިންމަވައިދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ކުރިން މެންބަރުންގެ ގޮނޑިއާމެދު ގޮތެއް ނިންމަވައިދެއްވުމަށް މޫސަ އެދިވަޑައިގަތީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުން ނެރުނު ބަޔާނުގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންޖެހޭ ހުރިހާ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭ ގޮތަށް ޖަލްސާތައް ބޭއްވުމަކީ މަޖިލީހުގެ ރިޔާސަތުން ކުރަންޖެހޭ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމަކަށް ނުވާއިރު، މަޖިލީހުގެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރުތައް އެންމެ ހެޔޮގޮތުގައި ތަމްސީލް ކުރުން ނޫން ކަމަށް ދެކޭ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ދެންތިބި 8 މެންބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.