ޚަބަރު

51 މެންބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި


ޖުމުލަ ފަންސާސް އެއް މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅައިފިއެވެ. މިއީ މަސިޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ތިންވަނަ ފަހަރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށައެޅުމަށްފަހު، މަޖިލިސް އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މިމައްސަލަށް މަޖިލީހަށް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މަޖިލިސް ހިންގަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި ނުހިނގަނީ މަސީޙުގެ އިހުމާލުންކަމަށް އިދިކޮޅު މެމްބަރުން ޤަބޫކުރާތީކަމަށެވެ. އަދި އެމަނިކުފާނަށް މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް އޭގެ އެންމެފުރިހަމަ ގޮތުގައި އަދާނުކުރެއްވޭކަމަށްވެސް ރިޔާޒް ތުހުމަތުކުރެއްވިއެވެ. މީގެ ކުރިން މި މައްސަލަ މަޖިލީހަށް ވައްދައިގެން ކާމިޔާބު ނުވިނަމަވެސް، މިފަހަރު އިދިކޮޅު ފަރާތްތަކަށް މިކަން ކާމިޔާބުވާނެކަމުގެ ވަރަށްބޮޑު އުއްމީދެއް އެބައޮތްކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ، އެމަނިކުފާނު އެ މަޤާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވި 51 މެމްބަރުންގެ ތެރޭގައި، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 38 މެމްބަރުން ހިމެނެއެވެ. އަދި ބާކީ ތިބި މެމްބަރުންނަކީ ޕީ.ޕީ.އެމާއި، އެމް.ޑީ.އޭގެ އިތުރުން އަމިއްލަ މެމްބަރުންގެ ގޮތުގައި މަޖިލީހުގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އެއްވެސް މަސައްކަތެއް އެޖެންޑާނުކޮށް މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތްއޮތުން ކުށްވެރިކޮށްފައެވެ. އަދި މަޖިލީހުގެ ރައީސްއަށް މިވަގުތު އޮތް ހަމައެކަނި ގޮތަކީ މަޖިލީހުގެ މެމްބަރުން އެމަނިކުފާނު މަޤާމުން ވަކިކުރުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާދެއްވުން ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ވަނީ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވެއެވެ. އެހެންނަމަވެސް އެކަން މިހާތަނަށް ކާމިޔާބު ވެފައެއްނުވެއެވެ. މަޖިލީހުގެ ޤަވާދުގެ 175 ވަނަ މާއްދާއަށް ދާދިފަހުން ގެނައި އިޞްލާޙުގައިވަނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން 42 މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފެނިއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށައެޅިދާނެކަމަށެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބުމުން، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެމައްސަލަ ހުށައަޅާންޖެހޭނެކަމަށްވެސް ޤަވާޢިދުގައި ވެއެވެ.