ޚަބަރު

ޓްރީ ޓޮޕްގައި ކަކުލު ހުޅު ބަދުލުކުރުމުގެ އޮޕަރޭޝަންގެ ޚިދުމަތް ފަށައިފި


ކަކުލު ހުޅު ބަދުލުކުރުމުގެ އޮޕަރޭޝަންގެ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއިއެކު މިމަހުގެ 15ގައި ވަނީ ކޮށްފައިކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިއޮޕަރޭޝަން ކޮށްފައިވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންގެ ޚާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ.ޑޭވިޑް މޮންޓިނެގްރޯ އާއި ޑރ.ކެތަރީން ކެލެޓްކަމަށް އެ ހޮސްޕިޓަލުން މައުލޫމަތުދެއެވެ. މި އޮޕަރޭޝަންގެ ހިދުމަތް ފުރަތަމަ ލިބިގަތީ 69 އަހަރުގެ ފިރިހެނެއްގެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޖޭމްސް ބާރ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންގެ ސަބަބުން ކަކުލު ހުޅުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އިތުރު އުއްމީދެއް ލިބިގެންދާނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދިފަހުން ވަނީ އެހޮސްޕިޓަލުގައި ކުރާ ހުރިހާ އޮޕަރޭޝަނެއް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ޚިދުމަތްތަކުގެ އަގުތައްވެސް ހެޔޮކޮށްފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގެ ކާމިޔާބީއަށްބަލައި ކައިރި މުސްތަޤުބަލެއްގައި އުކުޅުވަޅުގެ ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ފެށުމަށް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.

2008ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އައިޖީއެމްއެޗްގައިވެސް ދަނީ ހުޅުބަދަލުކުރުމުގެ ކްލިނިކެއް ހުޅުވައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެން މެނޭޖްކުރާ ހޮސްޕިޓަލެކެވެ. 210 އެނދު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ސިއްހީ ގިނަ ޚިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.