ޚަބަރު

ޔަމަނުގެ އިންސާނީ ޙާލަތާމެދު ކަންބޮޑުވާން މަޖުބޫރު- އދ


ޔަމަނުގެ އިންސާނީ ހަލާތާ މެދު އެކަށިގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު އދގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ އިސްވެރިޔާ ދެއްވައިފިއެވެ.

އދގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ އިސްވެރިޔާ މާކް ލޯކޮކް މިހެން ވިދާޅުވެފައިވަނީ، އދގެ ސަލާމަތީ މަޖިލީހުގައި ޔަމަނުގެ ޙާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މުޅި ޔަމަނު ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓުމުގެ ވަރަށް ގާތުގައިވާ ކަމެއް ކަމަށާއި، އިންސާނީ އެހީދޭ ފަރާތްތަކުންވެސް ވަނީ ގޮތް ހުސްވެފައި ކަމަށް، ލޯކޮކް ވިދާޅުވިއެވެ.

ލޯކޮކް ވިދާޅުވީ، ވޭތުވެދިޔަ ވިހި އަހަރުދުވަހުގެ ތެރޭގައި މިވަރުގެ ބަނޑުހައިހޫނުކަމެއް މުޅި ދުނިޔެއިންވެސް ފެނިފައިވަނީ ދެ ފަހަރު ކަމަށާއި، ޔަމަނުގެ ޙާލަތު އަދި އެއްއަށް ވުރެވެސް ގޯސްކަމަށެވެ. މި ގޮތުން، ޔަމަނުގެ އާބާދީގެ ދެބައިކުޅަ އެއްބައި ނުވަތަ ސާދަ މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓުމަކީ އެކަށިގެންވާ ކަމެއް ކަމަށާއި، މި ފަރާތްތަކަށް އިންސާނީ އެހީގެ ސާމާނު އިންތިހާ ދަރަޖައަށް ބޭނުންވާކަމަށެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ފަޤީރު އެއް ޤައުމު ކަމަށްވާ ޔަމަނުގައި 2015 ވަނަ އަހަރުއްސުރެ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމު މުޅިންހެން ވަނީ ސުންނާފަތިވެފައެވެ. ހަނގުރާމައަށް ނިމުމެއް އަންނާނެކަމުގެ ނިޝާނެއް އަދިވެސް ފެނިފައެއް ނުވެއެވެ.