ޚަބަރު

ރާއްޖޭގެ އާބާދީގެ 8 އިންސައްތައަކީ ފަޤީރުން - އެންބީއެސް


ރާއްޖޭގެ އާބާދީގެ 8 އިންސައްތައަކީ ފަޤީރުންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފަޤީރުކަމުގެ މިންގަނޑު އަދި ފަޤީރުންގެ ނިސްބަތް ދެނެގަތުމަށްޓަކައި 2016 ވަނަ އަހަރު ހެދި ދިރާސާއިން ފަޤީރުންކަމަށް ބަލާފައިވަނީ ދުވާލަކު ބޮލަކަށް ޖެހޭ ޚަރަދުގެ ދެބައިކުޅައެއްބައި، ނުވަތަ 74 ރުފިޔާ އަށްވުރެ ދަށުން ޚަރަދުކުރާ މީހުންނެވެ. މި ދިރާސާއިން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 8.2 އިންސައްތައަކީ ފަޤީރުންނެވެ.

މި ދިރާސާއިން ދައްކާގޮތުން މާލޭގެ އާބާދީގެ 1.7 އިންސައްތައަކީ ފަޤީރުންނެވެ. އަދި އަތޮޅުތަކުގެ އާބާދީއަށް ބަލާއިރު މި ނިސްބަތް 12.8 އިންސައްތައަށް އަރައެވެ. ނޭޝަނަލް ޕަވަޓީ ލައިން އަށް ބަލައި އެކުލަވާލާފައިވާ ވަކިވަކި އަތޮޅުތަކުގެ ޕަވަޓީ ރޭޓްތަކަށް ބަލާއިރު ނިސްބަތުން އެންމެ ފަޤީރުން ގިނައީ ގދ. އަތޮޅުގައެވެ. އަދި ފަޤީރުންގެ ޢަދަދު ނިސްބަތުން އެންމެ މަދީ ވ. އަތޮޅުގައި ކަމަށް މި ދިރާސާއިން ދައްކައެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ދިރާސާއިން ދައްކާގޮތުން އަޕަރ މިޑްލް އިންކަމް ޤައުމުތަކުން ބަލަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުން ބަލާނަމަ ރާއްޖޭގެ އާބާދީގެ 6.6 އިންސައްތަ މީހުންނަކީ ފަޤީރުންނެވެ.

2016 ވަނަ އަހަރުގެ "ފަޤީރުކަމުގެ މިންގަނޑު އަދި ފަޤީރުންގެ ނިސްބަތް" ހޯބެލުމަށް ކުރިއަށް ގެންދިޔަ ސާރވޭއަކީ 2009 އަދި 2010 އަހަރު އެ އިދާރާއިން ކުރި ސާރވޭއާ އަޅާކިޔޭނެ ސާރވޭއެއް ނޫންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ބުނެއެވެ.

ފަޤީރުންގެ ނިސްބަތް ބެލުމަށް ކުރި ދިރާސާގައި ކުއްޔާއި، މުދަލާއި، ޚިދުމަތްތަކާއި، ގިނަ ދުވަހު ދެމިހުންނަ ހަރުމުދާގެ އިތުރުން ކާބޯތަކެތީގެ މައުލޫމާތު ހިމަނާފައިވާކަމަށް އެ ބިއުރޯއިން ބުނެއެވެ.