ޚަބަރު

އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް އީރާނުން ނުފޫޒުފޯރުވާނެކަމަށް ބުނާ ބުނުން ދޮގުކޮށްފި


އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް އީރާނުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާއިން ކޮށްފައިވާ ތުހުމަތުތައް އީރާނުން ދޮގުކޮށްފިއެވެ.

އީރާނުން އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ނުހަދާކަމަށް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަހްރާމް ޤައްސާމީ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ އިންތިޚާބަށް ނުފޫޒުފޯރުވުމަށް އީރާނުން މަސައްކަތް ކުރާކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، މިއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށްވެސް ޤައްސާމީ ވިދާޅުވިއެވެ.

ޤައްސާމީ ވިދާޅުވީ، އެމެރިކާއިން ވަކި ސިޔާސީ ސަބަބަކަށްޓަކައި ނުވަތަ ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް ބައެއް ޤައުމުތަކާ ދެކޮޅަށް މިފަދަ ތުހުމަތުތައް ކުރާކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހުކުރު ދުވަހު ބުނެފައިވަނީ ބޭރުގެ ބައެއް ގައުމުތަކުން ނޮވެމްބަރު މަހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާ މީގެ ތެރޭގައި އީރާނު ވެސް ހިމެނޭކަމަށެވެ.