ޚަބަރު

ޤާސިމް އިބްރާހީމްގެ ޖަލު ހުކުމް ހައިކޯޓުން ބާޠިލްކޮށްފި


ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާޠިލްކޮށްފިއެވެ.

ޤާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާޠިލްކުރީ މި މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފު އަޑުއެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ބުނީ، ޤާސިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔައިރު، ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ލިބިދީފައިވާ ބައެއް ހައްޤުތައް އޭނާއަށް ލިބިދީފައިވާކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ކަމުން އެއީ އުސޫލުން ބޭރުން އިއްވާފައިވާ ހުކުމެއް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ޤާސިމް ރިޝްވަތު ހުށަހެޅުއްވި ކަމަށްބުނެ، ދައުލަތުން އޭނާގެމައްޗަށް އުފުލި ދަޢުވާއާ ގުޅިގެން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކުރިމިނަލް ކޯޓުން ޤާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާޠިލްކޮށްފައި މިވަނީ ކަފާލާތުގެ ދަށުން ޤާސިމް ދޫކޮށްލާފައި ވަނިކޮށެވެ.