ޚަބަރު

ހައިކޯޓްގެ އުތުރު ގޮފީގައި ޝަރީއަތްތައް ފަށައިފި


ހދ ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ ދިވެހި ރާއްޖޭގެ ހައިކޯޓްގެ އުތުރު ގޮފި ހުޅުވައި ޝަރީޢަތްތައް ފަށައިފިއެވެ.

މިގޮފި ހުޅުވާފައިވަނީ މިއަދު ހެނދުނު ބޭއްވި ޚާއްޞަ ދިދަނެގުމުގެ ރައްމިއްޔާތަކަށްފަހުގައެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި އުތުރު ގޮފީގައި ޝަރީޢަތް ފެށުމައްޓަކައި ވަޑައިގެންނެވި ވަފަދުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތް ފެށުމަށްޓަކައި ވަޑައިގެންނެވި ވަފުދުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި އަލްއުސްތާޛު ޢަލީ ސަމީރެވެ.

މި ރަސްމިއްޔާތުގައި، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ހައިކޯޓުގެ އުތުރު ގޮތްޕާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މައްސަލަތައް އިސްތިއުނާފް ކުރުމަށްވެސް އިތުރު ލުއިތަކެއް އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފަނޑިޔާރު ޝުޢައިބް ވަނީ ފާހަގަކުރައްވާފައެވެ.

ހައިކޯޓުގެ އުތުރު ގޮފިން ބެލުމަށް ހަމަޖެހިފައި ވަނީ ހއ، ހދ، ށ، ނ، ރ، ބ މި 6 އަތޮޅުގެ މައްސަލަތައްކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތްތައް މިއަދު ފަށާފައިވާއިރު،، ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި، ގޮފިތަކަށް ވަފުދު ފޮނުއްވައިގެން ޝަރީޢާތް ހިންގެވުމަށް، މި އަހަރު ފެބްރުވަރީ މަހު ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހައިކޯޓުގެ އުތުރު ގޮފީގައި ޙަރަކާތްތެރިވާ ވަފުދުގެ މަސައްކަތް މި މަހުގެ 25ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓްގެ އުތުރު ގޮފީގެ ފުރަތަމަ ޝަރީއަށް މިއަދު ހެދުނު 9 ޖެހިއިރު ފަށާފައިވާއިރު، ތަފާތު 7 މަސައްލައެއްގެ އަޑުއެހުން މިއަދު ކުރިއަށް ދާނެކަމަށް ހައިކޯޓުން ބުނެއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އާއްމު ސިޓީންގައިވަނީ، ދިވެހިރާއްޖޭގެ އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

އެހެންކަމުން، ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަ ވެގެންދާނެއެވެ. އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ، އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައްވެސް އަވަސްވެ، އެ މައްސަލަތަކާ ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައްވެސް ކުޑަވެގެންދާނެ އެވެ.

ހައި ކޯޓް އުތުރު ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގައިހުރި ސަރުކާރު މުއައްސަސާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.