ޚަބަރު

ކޯޓުގެ ޙުކުމާއެކު ވެރިކަން ބަދަލުކުރުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާނެކަމަށް އުއްމީދުކުރަން - އިންތިޙާބީ ރައީސް


ސުޕްރީމް ކޯޓުން އިއްވި ހުކުމާއެކު، ސަރުކާރު ބަދަލުކުރުމުގެ ކަންކަން ވީހާވެސް އަމާންކަމާއެކު ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ޢިއްވި ޙުކުމާ ގުޅިގެން އިންތިޙާބީ ރާއީސްގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ރިޔާސީ އިންތިޙާބުގެ ނަތީޖާއާމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއި، ކުށްހީތަކަށް މިއަދު ސުޕްރީމް ކޯޓުން އިއްވި ޙުކުމާއެކު ޖަވާބު ލިބިފައިވާކަމާށެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، ސުޕްރީމް ކޯޓުގެ ޙުކުމާއެކު، ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަންވީހާވެސް އަމާންކަމާއި، އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ރައީސް ޔާމީނަށް ގޮވާލައްވާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބީ ރައީސްގެ ފަރާތުން ނެރުނު ބަޔާނުގައި އަލަށް އެކުލަވާލާ ސަރުކާރަކީ ޑިމޮކްރަސީގެ އަސާސްތަކާއި ރައްޔިތުންގެ ހައްޤުތަކަށް އިޙްތިރާމްކުރާ، އަދި ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާގޮތަށް ސުލްޙަވެރި އަމާން މުޖުތަމަޢުއެއް ޤާއިމުކޮށްދެއްވާނެ ސަރުކާރެއްކަމަށް ބުނެފައިވެއެވެ.