ޚަބަރު

މިލޭނިއަމް ޔޫތް ލީޑަރސް ކޭމްޕް ނިންމާލައިފި


ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު، ރަފީ ޖަމްއިއްޔާއިން އިންތިޒާމްކޮށް ބޭއްވި މިލޭނިއަމް ޔޫތު ލީޑާސް ކޭމްޕް ނިންމާލައިފިއެވެ.

މި ކޭމްޕާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށް ދެއްވަމުން އެ ޖަމްއިއްޔާގެ އެކްސްކޯ ބޯޑް މެމްބަރު ސަމާ އިބްރާހިމް ދީދީ ވިދާޅުވީ މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕަކީ ރަފީ އެންޖީއޯގެ ފަރާތުން ކުރިއަށް ގެންދިޔަ 4 ޕްރޮގްރާމެއްގެ ތެރެއިން ހޮވާލެވުނު ކުދިންތަކެއްގެ ތެރެއިން މިލޭނިއަމް ޔޫތު ލީޑަރުން އުފެއްދުމަށް ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ.

ސަމާ ވިދާޅުވީ އެފަދަ ކޭމްޕެއް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ ކުރިއަށް އޮތް ޖީލުތަކުގައި އިސްނަގައިގެން މަސައްކަތް ކުރާނެ ހުނަރުވެރި ޤާބިލް ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ. އެގޮތުން ޤައުމެއް ހިންގުމުގައި ޒުވާނުންގެ ދައުރު ބޮޑުވެފައި ރާއްޖޭގެ މާހައުލުން ފެންނަން ހުރި ނޭދެވޭ ކަންކަން އިސްލާޙުކޮށް ޒުވާނުންނަކީ ބާރުވެރި ބަޔަކަށް ހެދުމުގެ އިތުރުން ޒުވާނުންނަކީ ހުރިހާ ދާއިރާތަކަށްވެސް ބޭނުންތެރި އުފެއްދުންތެރި އަދި މުޖުތަމަޢު ބަލައިގަންނަ ފަދަ ހަރުދަނާ ބަޔަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

ރަފީ އެންޖީއޯގެ އިވެންޓް ކޮމިޓީގެ ޗެއަރޕާސަން މުޙައްމަދު އައިމަން އަހުމަދު ވިދާޅުވީ ޤައުމަކީ ކިހާ މުހިއްމު އެއްޗެއް ކަމާއި ޤައުމީ ވަންތަކަމަކީ ކޮބައި ކަމުގެ އިތުރުން އެންމެ ފުރަތަމަ ޤައުމު އިސްކުރަން ޖެހެނީ ކީއްވެގެންކަން މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕްގެ ތެރެއިން އިނގިގެން ގޮސްފިކަމަށެވެ. އޭގެ އިތުރުން ލީޑަރެއްގެ ގައިގާ ހުންނަން ޖެހޭނެ ރީތި ސިފަތަކާއި ލީޑަރުންގެ ޒިންމާއަކީ ކޮބައިކަންވެސް ކޭމްޕްގެ ތެރެއިން އިނގިގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކަންކަމުގައި އިސްނެގުން ފަދަ މުހިންމު ކަމާއި ކަންކަން ހާޞިލް ކުރެވޭނީ އަޒުމާ ހިތްވަރާއެކު ކެރިގެން ކުރިމަތިލައިގެންކަން ފަދަ މުހިއްމު އެތައް ކަމެއް ކޭމްޕުގެ ތެރެއިން ދަސްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ޤައުމަށް ބޭނުންތެރި ހަރުދަނާ ގާބިލް ޒުވާނުންތަކެއް އުފެއްދުމަށް ރަފީ ޖަމިއްޔާއިން މިދިޔަ އަހަރު ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ވަނީ ޖުމްލަ 14 އެމްބެސެޑަރުން އުފައްދާފައެވެ. އަދި އިތުރު ލީޑަރުން އުފެއްދުމަށް މިއަހަރު ކުރިއަށް ގެންދިޔަ ކޭމްޕްގެ ތެރެއިން އިތުރު 10 ލީޑަރުން އުފެދިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޒުވާނުންނަށް ޚާއްޞަކޮށް ރާއްޖޭގައި އުފެއްދި ފުރަތަމަ ބައިނަލްއަގްވާމީ އެންޖީއޯގެ ގޮތުގައި ރަފީ ޖަމިއްޔާއިން ދަނީ ރާއްޖެއާއި ބޭރުގެ ކޮންފަރެންސްތަކުގައި ޒުވާނުން ބައިވެރި ކުރުވައިގެން އެފަދަ ޒުވާނުންގެ ފަރާތުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްސަފުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމަށް، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ޖަމްއިއްޔާއިން ދަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.