ޚަބަރު

އިންޑިޔާ ރުޕީސްގެ އަގު ދަށަށް


އިންޑިޔާގެ އިޤްތިޞާދަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެގައުމުގެ މާލީ ވަޒީރު އަރުން ޖެއިޓްލީ ވިދާޅުވެއްޖެއެވެ. ޖެއިޓްލީ ވިދާޅުވީ އިންޑިޔާގެ ރުޕީސްގެ އަގު ދަށަށްދާ މައްސަލަ ހައްލުކުރަން ދަތިވެފައިވާ ކަމަށާއި، އިންފްލޭޝަން ދަށްކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުންވެސް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަމަށެވެ.

ނިއުދިއްލީގައި ދެއްވި ބަޔާނެއްގައި އަރުން ޖެއިޓްލީ ވިދާޅުވީ، އިންޑިޔާގެ ރުޕީސްގެ އަގު ވެއްޓުމާއި އިންފްލޭޝަން މައްޗަށް ދިޔުމާއި ބޭރުފައިސާގެ ރިޒަރވް ދަށްވުމާއި، އެކްސްޕޯޓަށްވުރެ އިންޕޯޓް އިތުރުވެފައިވުންފަދަ ކަންކަމަކީ އިންޑިޔާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައްކަމަށެވެ. އަދި މި މައްސަލަތައް ކުރިމަތިވާން ފެށީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ލަފާކުރިވަރަށްވުރެ ބޮޑުވެގެން ދިޔުމާ ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އޭޝިޔާގެ ތިންވަނައަށް އެންމެ ވަރުގަދަ އިޤްތިޞާދު ކަމަށްވާ އިންޑިޔާގެ އިޤްތިޞާދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދުކަމަށްވާނަމަވެސް މިފަހަކަށް އައިސް ކުރިމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން އިންޑިޔާގެ ފައިސާގެ އަގުވަނީ ފަހުގެ ތާރީޚެއްގައި ވެއްޓިފައިނުވާ ވަރަށް ދަށްވެފައެވެ.

ނަތީޖާއެއްގެ ގޮތުން ކުދި ވިޔަފާރިތައް ބަނގުރޫޓްވުމާއި އިންފްލޭޝަން މައްޗަށް ދިޔުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު އިންޑިޔާގެ ރުޕީސްގެ އަގު ހުރީ އެމެރިކާ ޑޮލަރަކަށް ހަތްދިހަ ތިން ރުޕީސް ސާޅީސް ޕައިސޭގެ މިންވަރަށް ދަށްވެފައެވެ.