ޚަބަރު

ސުވައިދާގައި ވަގަށްނެގި މީހުންގެ ތެރެއިން ބަޔަކު މިނިވަންކޮށްފި


އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ސޫރިޔާގެ ސުވައިދާ ސިޓީން ވަގަށްނެގި މީހުންގެ ތެރެއިން 6 މީހުން މިނިވަން ކުރެވިއްޖެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމާއަތަކުން ބުނެފިއެވެ.

ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިން ބުނީ މީގެތިންމަސްކުރިން ސުވައިދާ ސިޓިން ވަގަށްނެގި އެތަށް ސަތޭކަ ބައެއްގެ ތެރެއިން 6 މީހުން މިނިވަންކުރެވުނީ ސުވައިދާގެ ލޯކަލް ސަރުކާރުގެ މަސްއޫލުވެރިން އައިއެސްގެ ހަނގުރާމަވެރިންނާ ކުރި މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ.

މިނިވަންކުރި 6 މީހުންނަކީ ހަތަރު ކުޑަކުދިންނާއި ދެ އަންހެނުން ކަމަށާއި އެ ހަ މީހުންނަކީވެސް ދުރޫޒު ދަރިކޮޅުގެ މީހުން ކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސުން ބުނެއެވެ. އައިއެސްގެ ހަނގުރާމަވެރިން ސުވައިދާ ސިޓީން ވަގަށްނެގި ތިންސަތޭކައެއްހާ މީހުންގެ ތެރެއިން ދުއިސައްތައެއްހާ މީހުން މަރުވެފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ވަގަށްނެގި މީހުންގެ އަދަދާއި، އޭގެތެރެއިން މަރާލި މީހުންގެ އަދަދު ކަށަވަރުވެފައެއް ނުވެއެވެ. ސުވައިދާ ސިޓީގެ ގަވަރުނަރު ވިދާޅުވީ އިތުރު 24 މީހުން ދާދި އަވަހަށް މިނިވަންކުރާނެކަމުގެ ޔަގީންކަން އައިއެސްގެ ހަނގުރާމަވެރިން ދީފައިވާ ކަމަށާ އެމީހުންނާ ހަވާލުވުމަށް ސުވައިދާގެ ލޯކަލް ސަރުކާރުން ތައްޔާރުވަމުންދާކަމަށެވެ.

މި ޚަބަރު ލިބިފައިމިވަނީ، ސޫރިޔާގައި ހަރަކާތްތެރިވާ އައި.އެސް ހަނގުރާމަވެރިން އެ ހަތްސަތޭކަ މީހުން ރަހީނުކޮށްފައިވާކަމަށް، ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ސޯޗީގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، މީގެ ތެރޭގައި އެމެރިކާ އާއި ވިލާތުގެ ޤައުމުތަކަށް ނިސްބަތްވާ އެތައް ބަޔަކު ހިމެނޭކަމަށެވެ. އެހެންނަމަވެސް މި މީހުން ރަހީނުކުރުމަށްފަހު އައި.އެސް އިން ޝަރުތުކުރާ ކަންތައްތަކެއް ޕުޓިން ހާމަކުރައްވާފައެއް ނުވެއެވެ.