ޚަބަރު

ޙާފިޒް އަޙްމަދު ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ސްޕޯޓްސް ފެސްޓިވަލް ނިންމާލައިފި


ފުވައްމުލައް ސިޓީގެ ޙާފިޒް އަޙްމަދު ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދިޔަ ސްޕޯޓްސް ފެސްޓިވަލް ނިންމާލައިފިއެވެ.

"ކުޅިވަރު މަހާސަމާ 2018" އިގެ ނަމުގައި އިއްޔެއާއި މިއަދު ބޭއްވި މި ފެސްޓިވަލުގައި އެސްކޫލުގެ އެލްކޭޖީ ޔޫކޭޖީ އަދި އެސްކޫލުގައި ހިންގާ "އާރލީ އިންޓަވެންޝަން" ކުލާހުގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭގޮތަށް 105 ދަރިވަރުން ބައިވެރިވިއެވެ.

މި ފެސްޓިވަލުގެ އައިޓަމްތައް ބިނާކޮށްފައިވަނީ ދަރިވަރުންގެ "އައި-ހޭންޑް ކޯޑިނޭޝަން"، "ފައިން މޮޓޯ" އަދި "ގްރޮސް މޮޓޯ" ފަދަ ސްކިލްސްތަކުގެ މައްޗަށް ކަމަށް އެސްކޫލުން ބުނެއެވެ. އެގޮތުން މި ފެސްޓިވަލުގައި ކޮންމެ ކުއްޖަކު ހަ (6) އައިޓަމް ގައި ބައިވެރިވެފައި ވާއިރު "އާރލީ އިންޓަވެންޝަން" ކުލާހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޤާބިލިއްޔަތުކަމާއި ހުނަރުވެރިކަމަށް ބެލުމަށްފަހު، އެކުދިންނަށް އެކަށީގެންވާ ޙަރަކާތްތަކެއްވެސް މި ފެސްޓިވަލުގެތެރެއިން ކުރިޔަށްގެންދިޔަކަށް އެސްކޫލުން ބުނެއެވެ.

ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ޙާފިޒް އަޙްމަދު ސްކޫލުގެ ލީޑިންގ ޓީޗަރ ނިޒުނާ އާދަމް ވިދާޅުވީ މި ފެސްޓިވަލުގެ ބޭނުމަކީ ޕްރީސްކޫލް އުމުރުފުރާގެ ކުދިން ހެދި ބޮޑުވުމުގައި ބޭނުންވާ އެކި ކަހަލަ ހުނަރު ތަރައްޤީކޮށް މި ފެސްޓިވަލުގެ ތެރެއިން ދަރިވަރުންގެ ކިބައިގަ މިފަދަ ހުނަރުތައް އަށަގެންނެވުން ކަމަށެވެ. ފެސްޓިވަލުގައި ގިނަ ޙަރަކާތްތަކެއް ބޭއްވި ނަމަވެސް ވާދަވެރި ވަނަތަކެއް ނުހޮވާ ކަމަށާއި، ފެސްޓިވަލުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވި ކަމުގެ ހަނދާނީ ލިޔުމާއި މެޑެލްވެސް ދީފައިވާކަމަށް ނިޒުނާ ވިދާޅުވިއެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ކޮންމެ ދެއަހަރުން އެއްއަހަރު ބާއްވާ މި ސްޕޯޓްސް ފެސްޓިވަލް އިންތިޒާމުކުރުމުގައި އެސްކޫލުގެ އެހެން ގްރޭޑުތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ އެއްބާރުލުން ލިބޭކަން އެސްކޫލުން ފާހަގަކުރެއެވެ.