ތަޢުލީމު

ތިނަދޫ ސްކޫލުގެ "ޕަރޕަލް ޝޯ" ފަށައިފި


ތިނަދޫ ސްކޫލުގެ ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް އެސްކޫލުން ބާއްވާ މިއަހަރުގެ "ޕާޕަލް ޝޯ" ފަށައިފިއެވެ.

ޕަރޕަލް ޝޯއަކީ އެސްކޫލުން އިންތިޒާމުކޮށްގެން، ފަންޑް ރެއިޒިން އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ ޝޯއެކެވެ. 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޕަރޕަލް ޝޯގެ މިއަހަރުގެ ޝޯއަށްވެސް ވަދެވެނީ ޓިކެޓު ނަގައިގެންނެވެ. އެގޮތުން ޓިކެޓެއްގެ އަގު އުޅެނީ 20 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް، މުހައްމަދު އަޖީބު ވިދާޅުވީ އެ ޝޯގެ މަގްސަދަކީ ކުދިންގެ ކިބައިގައި ފޮރުވިފައި ހުންނަ ހުނަރުތައް ދައްކާލުން ކަމަށެވެ.

"ޕާޕަލް ޝޯއަކީ ކުދިންގެ ކިބައިގައި ފޮރުވިފައި ހުންނަ ހުނަރުތައް ހާމަކޮށްލުމަށް އެކުދިންނަށް ފުރުސަތު ހުޅުވައިދިނުން. ވަރަށް ގިނަ އާދަޔާ ޚިލާފު ހުނަރުތައް ހުންނަ ކުދިން އަޅުގަނޑުމެންނަށް މި ޝޯގެ ތެރެއިން ފާހަގަކުރެވޭ. ދެން މި ޝޯގެ މަގްސަދަކީ ކުދިންނާ ގުޅުން ހުރި އެކި ހަރަކާތްތައް ބޭއްވުމަށްޓަކައި ސްކޫލުގެ ފަންޑުގެ މުއްސަދި ކުރުން،" އަޖީބު ވިދާޅުވިއެވެ.

ހަފުތާ ބަންދާ ދިމާކޮށް، ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޝޯގައި އެ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 293 ދަރިވަރަކު ބައިވެރިވެއެވެ. އެކުދިންގެ ހުށަހެޅުންތަކުގެ ތެރޭގައި ޑްރާމާ ކުޅުމާއި، ޘަގާފީ އަދި ޒަމާނީ ނެށުމާއި ޖާދޫ ހެދުމުގެ ހުނަރުތަކުގެ އިތުރުން މިއުޒިކް ކުޅުމުގެ ހުނަރުތައްވެސް ހިމެނެއެވެ.

އެ ޙަރަކާތުގައި ބައިވެރިވި ކުދިންވެސް ތިބީ އިވެންޓާމެދު ހިތްހަމަޖެހިފައެވެ. އަދި އެފަދަ އިވެންޓެއް އިންތިޒާމުކޮށްގެން ބާއްވާ ކަމަށްޓަކައި އެކުދިން ވަނީ ސްކޫލަށް ޝުކުރުވެސް އަދާކޮށްފައެވެ.