ޚަބަރު

ވޯޓު ކަރުދާސް ޕްރިންޓު ކުރަން ދީފައިވަނީ ދެ ހަފްތާއަށް ވެފައި ވަނިކޮށް - މިނިސްޓަރ މުނައްވަރު


ވޯޓު ކަރުދާސް ޕްރިންޓު ކުރަން އެމްސެވަންއަށް ޙަވާލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ވޯޓުލާން ދެ ހަފްތާއަށްވެފައި ވަނިކޮށް ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ވޯޓު ކަރުދާސް އެމްސެވަން އަށް ޕްރިންޓު ކުރުމަށް ދިން ގޮތާއި ގުޅޭ ގޮތުންނެވެ. މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވަމުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ވޯޓު ކަރުދާސް ޕްރިންޓު ކުރަން އެމްސެވަންއަށް ދިނީ މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލް ޙުޞައިން ޝަމީމް ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އެމްސެވަން އަށް ދީފައިވާ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

މި މައްސަލައަށް ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ މުނައްވަރު ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ރިޔާސީ އިންތިޚާބަށް ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އެމްސެވަންއަށް ދިނީ ވޯޓުލާން އޮތް ތާރީޚުގެ ދެ ހަފްތާ ކުރިން ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ ޙައިޞިއްޔަތުން ޚާއްސަ ހުއްދައެއް ދޭންޖެހުނީ އިންތިޚާބު ފަދަ ރައްޔިތުންނާއި ގުޅުން ބޮޑު ކަމެއްގައި އެކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެއްވެސް ގޮތަކަށް އެކަމުގައި އިލެކްޝަނުން ކަމެއް ކުރިއާލާ ރާވައިގެން އުޅޭ ކަމެއް ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބްގެ ވޯޓުކަރުދާސް ޕްރިންޓްކުރުމަށް ދެ ބައެއް ބިޑްކުރުމަށްފަހު އެތަނުން އެންމެ އަގުބޮޑުކޮށް ބިޑް ހުށައަޅާ ބަޔަކަށް ދިނުމަށް އެންގިކަމަށްވެސް ފިނޭސްމިނިސްޓަ ވިދާޅުވިއެވެ. އެހެންމަވެސް އެކަން މިނިސްޓްރީން އިންކާރުކުރިކަމަށާއި ނަމަވެސް އިންތިޚާބަށް ކައިރިވެފއިވަނިކޮށް އެމް ސެވަންއަށް ވޯޓު ކަރުދާސްތައް ޕްރިންޓްކުރަން ހުއްދަދިނުމަށް އެންގިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމުންވެސް ދޭހަވަނީ ވަކި ބަޔަކަށް ފައިދާވާގޮތަށް އިލެކްޝަނުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ބިޑުތަކަށް މާރކްސް ދެވެގެން ދިޔައިރު އެންމެ މަތިން މާރކްސް ލިބިފައިވަނީ ނޮވެލްޓީއަށް ކަމަށެވެ. ވޯޓު ކަރުދާހުގައި ހުންނަންޖެހެނީ އެންމެ ސެކިއުރިޓީ ފީޗަރއެއް ކަމަށް އިލެކްޝަނުން ކުރިން ބުނެފައިވާ ކަމަށާއި ނަމަވެސް ކުއްލިއަކަށް ފަސް ސެކިއުރިޓީ ފީޗަރ ބޭނުންވާކަމަށް އިލެކްޝަނުން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޕްރިންޓް ކޮށް ނިންމަފައިވަނީ ތިން ސެކިއުރިޓީ ފީޗަރއަށްކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.