ޚަބަރު

ކަނބަލުންގެ ލޯން 74 ކަނބަލަކަށް ދީފި


ކަނބަލުންނަށް ޚާއްސަކޮށްގެން ހުޅުވާލި ލޯން ސްކީމުގައި ބައިވެރިވި ކަނަބލުންގެ ތެރެއިން ހަތްދިހަ ހަތަރު ކަނބަލަކަށް ފައިސާ ހަވާލުކޮށްފައިވާކަމަށް އިކޮނަމިކް މިނިސްޓަރީން ހާމަކޮށްފިއެވެ.

މި ލޯނު ސްކީމުގައި ފަންސާސް ހާސް ރުފިޔާއިން ފެށިގެން ދުއިސައްތަ ހާސް ރުފިޔާއާ ހަމަޔަށް ވަނީ ލޯނު ދޫކޮށްފައެވެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މި ލޯނު ސްކީމުގެ ޖުމްލަ ޢަދަދަކީ ވިހި މިލިޔަން ސާޅިސް ހަހާސް ރުފިޔާއެވެ.

ކަނބަލުންނަށް ޚާއްސަކޮށްގެން އިކޮނަމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ލޯނު ސްކީމަކީ ރާއްޖޭގައި އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ސްކީމެކެވެ. މި ލޯނު ސްކީމްގެ އިތުރަށް އިކޮނަމިކް މިނިސްޓްރީން އިތުރު ދެ ލޯން ސްކީމެއް ކުރިއަށްގެންދެއެވެ.
އޭގެތެރޭގައި ހިމެނޭ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެމުންދާ ލޯނު ސްކީމް، އެސްއެމްއީ ލޯނަށް އެދި ހަތްސަތޭކަ އަށްވުރެ ގިނަ މީހުން އެދިފައިވާކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. އަދި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ "ގެޓްސެޓް"އަށް ދުއިސައްތަ އަށްވުރެ ގިނަ ފަރާތްތައް އެދިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި ފާރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ލޯނު ދިނުމުގެ ކަންތައްތައް ކުރަމުންގެންދާކަމަށެވެ. މިގޮތުން ފޯމުތައް އިވެލުއޭޓް ކުރަމުންދާކަމަށާ، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ލޯން ހަވާލުކުރާނެކަމަށެވެ.