ޚަބަރު

"ޕިންކް ރިބަން ރަން – ވޯކް 2018" 28 ރަށެއްގައި ކުރިޔަށް ގެންދަނީ


އުރަމަތީގެ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ބޭންކް އޮފް މޯލްޑިވްސްއިން ކުރިޔަށް ގެންދާ "ޕިންކް ރިބަން ރަން – ވޯކް 2018" ޙަރަކާތް މިމަހުގެ ފަހުކޮޅު ރާއްޖޭގެ 28 ސަރަހައްދެއްގައި ބާއްވަން ނިންމައިފިއެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސްއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ހަރަކާތެކެވެ. މިއީ އުރަމަތީގެ ކެންސަރަށް ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ޙަރަކާތެއްކަމަށް އެބޭންކުން ބުނެއެވެ.

މިމަހުގެ 27ވަވަ ދުވަހު ހަވީރު 16:00 ގައި ފަށާ މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ރާއްޖޭގެ އިތުރު 27 ރަށެއްގައިކަމަށް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ މިޙަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ނުޖެހޭއިރު، މީގައި ބައިވެރިވެވޭނީ މިކަމަށް ޚާއްސަ ޓީޝާޓެއް ގަނެގެންކަމަށެވެ. އަދި މިޓީޝާޓު މާލޭގައި ލެކިއުޓްން، ހުޅުމާލޭގައި ރެޕިޓުން އަދި އަތޮޅުތަކުގެ ކަނޑައެޅިފައިވާ ތަންތަނުން ލިބެން ހުންނާނެކަމަށެވެ.

މިހަރަކާތުގެ ތެރެއިން ޓީޝާޓު ވިއްކައިގެނާ އެހެން ގޮތްގޮތުން ލިބޭ ފައިސާ ކެންސަރ ސޮސައިޓީ ހޮފް މޯލްޑިވްސްއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.

އޮކްޓޫބަރު މަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ބްރެސްޓް ކެންސަރ އެވެއަރނަސް ނުވަތަ އުރަމަތީގެ ކެންސަރަށް ޢާއްމުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިޔަށް ގެންދާ މަހެވެ.