ޚަބަރު

ބުރިޖު ހުރަސްކޮށް ދަތުރުކުރާ ޓެކްސީތަކުން ޤަވާއިދާ ޚިލާފަށް އަގުނަގާނަމަ ފިޔަވަޅު އަޅާނަން– ޓްރާންސްޕޯޓް އޮތޯރިޓީ


ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގައްވުރެ ބޮޑު އަގު ނަގާކަމުގެ ޝަކުވާ ލިބެމުންދާކަމަށާ، އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ފިޔަވަޅުއަޅާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނީ 35 ރުފިޔާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާއިރު ހުޅުމާލެއިން މާލެއަށް ނުވަތަ މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް ނެގޭނީ 40 ރުފިޔާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.

އެހެންނަމަވެސް އެއާ ޚިލާފަށް ޓެކްސީ ތަކުން ދަނީ ދަތުރުކުރަމުންނެވެ. އެގޮތުން 200 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގުތަށް ބްރިޖު ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަކުން ނަގަމުންދެއެވެ. އެހެންނަމަވެސް މިކަމުގެ ޝަކުވާތައް ޓްރާންސްޕޯޓު އޮތޯރިޓީއަށް ލިބެނީ ވަރަށް މަދުންކަމަށް އެފަރާތުން ބުނެއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ބްރިޖު ހުރަސްކޮށް ދަތުރުކުރުމުގައި އެއޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ބަލައި ފިޔަވަޅު އެޅާނެކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖް ފެށޭ ހިސާބާއި ނިމޭ ހިސާބު އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފުލުހުންގެ ޗެކް ޕޮއިންޓެއް ގާއިމްކޮށް ޓްރެފިކް ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް އެއޮތޯރިޓީން ބުނެއެވެ.