 
										
			ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ފިޔަވައި އިތުރު ފަރާތަކުން މާލެ ސަރަޙައްދުގައި ކުނި ނެގުމުގެ ވިޔާފަރިކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ހާމަކޮށްފިއެވެ. 
އީޕީއޭއިން ބުނީ މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ހަމައެކަނި ވެމްކޯއަށްކަމަށް ވީނަމަވެސް ބައެއް އަމިއްލަ ފަރާތްތަކުން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ތަންތަނުންނާއި ގޭބީސީތަކުން ކުނި އުފުލަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. 
އެހެންކަމުން މިފަދަ ކަންކަމަކީ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދާއި ޚިލާފަށް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށާއި މިގޮތަށް އަމަލުކުރާ ފަރާތްތަކާއިމެދު މިމަހުގެ 30ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަމުންގެންދާނޭކަމަށް އީޕީއޭއިން ބުނެއެވެ. އަދި ކުނި އުފުލުމަށްޓަކައި ނަގަންޖެހޭ ހުއްދަތައް ނުނަގައި ޕިކަޕުތަކުގައި ގަވާއިދާ ޚިލާފަށް އުފުލާ ކުނި ވެމްކޯގެ ކަލެކްޝަން ސެންޓަރުން ބަލައި ނުގަންނާނެކަމަށް ވެސް ބުނެފައެވެ.