ޚަބަރު

ދިރާސާ ދަތުރެއްގައި އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ދަރިވަރުން ފުވައްމުލައް ސިޓީއަށް


ފުވައްމުލަކުގެ ތާރީޚީ ތަންތަން ބަލައި ދިރާސާ ކުރުމަށް އައްޑޫ ސިޓީ މަރަދޫ ސްކޫލްގެ ދަރިވަރުން ފުވައްމުލަކަށް ގޮސްފިއެވެ.

މަރަދޫ ސްކޫލުން ބުނީ މިދަތުރުގެ މައިގަނޑު ބޭނުމަކީ، އެ ސްކޫލުގައި ސޯޝަލް ސްޓަޑީސް ކިޔަވާ ދަރިވަރުންނަށް އަމިއްލަ ރަށް ނޫން އެހެން ރަށެއްގެ ޞަޤާފަތާއި ތާރީޚީ ތަންތަން ބަލާލުމުގެ ފުރުޞަތު ދިނުންކަމަށެވެ. އެގޮތުން ދަރިވަރުންނަށް ކްލާސްރޫމުގައި ކިޔަވައިދޭ ފިލާވަޅުތަކާއެކު އަމަލީގޮތުން ކަންކަން ތަޖުރިބާކޮށް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިނުމަށް ކުރާ މި ދަތުރުގައި ފުވައްމުލައް ސިޓީ ހިޔާރުކުރީ، އެ ސިޓީއަކީ އާސާރީ ތަންތަން ގިނަ ރީތި ރަށަކަށްވެފައި، ގިނަ އަދަދެއްގެ ދަރިވަރުންވެސް އެރަށަށް ދިއުމުގެ ޝައުޤުވެރިކަން ހުރުމުންކަމަށް ސްކޫލުން ބުނެއެވެ.

މިދަތުރުގައި މަރަދޫ ސްކޫލްގެ ގްރޭޑް 8ގެ ހުރިހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ގިނަ އަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިންވެސް މިދަތުރުގައި ބައިވެރިވެފައިވެއެވެ. މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޙަރަކާތް ކުރިއަށްގެންދަނީ ފުވައްމުލައް ސިޓީގެ ހާފިޒް އަޙްމަދް ސްކޫލާއި ގުޅިގެންނެވެ.