ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންދޭ "ރަންވަނަ" އެވޯޑް ދީފި


މައުލޫމާތު ހާމަކުރުމަށް ބާރު އެޅުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ "ރަންވަނަ" އެވޯޑް ދީފިއެވެ. މިފަހަރުގެ ރަންވަނަ އެވޯޑް ދީފައިވަނީ 3 ތިންގިއަކުންނެވެ.

"ރަންވަނަ" އެވޯޑް މިއަހަރު 3 ގިންތިއަކުން ދީފައިވާއިރު، ސަރުކާރުގެ އިދާރާތަކުގެ ބައިން އެވޯޑް ހާސިލްކޮށްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއެވެ. މިނިވަން މުއައްސަސާތަކުގެ ބައިން މިފަހަރުވެސް "ރަންވަނަ" އެވޯޑް ހާސިލްކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. މިއީ އޭސީސީއިން މި އެވޯޑް ޖެހިޖެހިގެން ޙާސިލްކުރި 3 ވަނަ ފަހަރެވެ. ލޯކަލް ކައުންސިލްތަކުގެ ބައިން އެވޯޑް ހާސިލްކުރީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ރައްޔިތުން މުއައްސަސާތަކަށްކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، މަޢުލޫމާތު ހާމަކުރުމަކީ ވަރަށް އިސްކަމެއްދީގެން ކުރަންޖެހޭކަމެއްކަމަށެވެ. މީގެ ސަބަބުން ޤާނޫނީ ޒިންމާއެއްގެ އިތުރުން ތަނުގެ ހައިބަތާއި ތަސައްވުރުވެސް ރަނގަޅުވެގެންދާނެކަމެއްކަމަށެވެ. އޮޑިޓަރ ޖެނެރަލް ވަނީ އެކި މުއައްސަސާތަކާބެހޭގޮތުން ދޮގު މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކުރިން އެ މައުލޫމާތު އެ މުއައްސަސާއަކާ ޙިއްސާކުރުމަށް އެދިވަޑައިގަތްފައެވެ.

"އެކި މުއައްސަސާތަކާ ބެހޭގޮތުން ދޮގު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފެތުރުމުގެކުރިން އެކަމާގުޅޭ މުއައްސަސާތަކާއި ހިއްސާކުރައްވާށޭ. އިސްލާމްދީނުގައިވެސް ބާރުއަޅަނީ މިބާވަތުގެ ވާހަކަތައް ފުރަތަމަ ރަސްމީ ފަރާތްތަކަށް ހިއްސާކުރުމަށް."

ހަސަން ޒިޔަތު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ހާސިލްކުރި 8 މުއައްސަސާއަކަށް ވަނީ އެވޯޑް ދީފައެވެ. މީގެއިތުރުން 2 ވަނަ ދަރަޖަ 14 މުއައްސަސާއަކަށް އަދި 3 ވަނަ ދަރަޖަ 41 މުއައްސަސާއަކުން ވަނީ ހޯދާފައެވެ.

މައުލޫމާތުހޯދާ ލިބިގަތުމުގެ ދުވަހުގެ ރަސްމިއްޔާތުގައި ބޭއްވި ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން ފާއިތުވި އަހަރު އެކޮމިޝަނަށް އެހީތެރިވެދީފައިވާތީ ޕަބްލިކް ޝަރވިސް މީޑިއާ (ޕީއެސްއެމް) އަށްވަނީ އެވޯޑް ދީފައެވެ.

މި ޖަލްސާގައި އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގެ އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށްވެސް ވަނީ ހަނދާނީ ލިއުމާއި އެވޯޑް ދީފައެވެ.