ޚަބަރު

އދގެ ފުރިހަމަ މެމްބަރަކަށް ލިބޭ ގިނަ އިނާޔަތްތައް ފަލަސްތީނަށް ދޭން ނިންމައިފި


2019 ވަނަ އަހަރު ފަލަސްޠީނަށް އދގެ ފުރިހަމަ މެމްބަރެއް އަދާކުރާ ފަދަ މަސްޢޫލިއްޔަތުތައް އަދާކުރާނޭ ފުރުޞަތު ދިނުމަށް އދގެ ޢާއްމު މަޖިލީހުން ނިންމައިފިއެވެ.

193 މެމްބަރު ޤައުމު ހިމެނޭ އދގެ އާއްމު މަޖިލީހުގައި މިކަމަށްޓަކައި އަންގާރަ ދުވަހު ނެގި ވޯޓުގައި ފަލަސްޠީނަށް މެމްބަރުގެކަމުގެ ދައުރު އަދާކުރުމުގެ ފުރުޞަތު ދީފައިވަނީ 146 ޤައުމުގެ ރުހުމާއެކުގައެވެ.

މިކަމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާ، އިސްރާއީލު އަދި އޮސްޓްރޭލިޔާއިންނެވެ. 29 ޤައުމުން ވަނީ މިކަމަށް ނެގި ވޯޓުގައި ބައިވެރިވުމަށް ދެކޮޅުހަދާފައެވެ. އަދި ފަނަރަ ޤައުމުން މި ޖަލްސާއަށް ހާޒިރު ނުވެއެވެ.

މިސްރުން ހުށަހަޅާފައިވާ މި ޤަރާރުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ފަލަސްޠީނަށް، އާއްމު މަޖްލީހުގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކޭނެ ކަމަށެވެ. އަދި ފަލަސްޠީނަށް ކަންކަމުގައި ބަޔާންތައް ނެރުމާއި، މުޢާހަދާތައް އެކުލަވާލާ ހުށަހެޅުމުގެ މިނިވަންކަން ވެސް ލިބިގެންދާނެ ކަމަށް މިސްރުގެ ޤަރާރުގައި ބުނެފައިވެއެވެ.

އދގެ ޢާއްމު މަޖިލީހުން ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ފަލަސްޠީނަކީ އދގެ ނޮން-މެމްބަރު ދައުލަތެއް ކަމަށް ބަލައިގެންފައިވަނީ 2012 ވަނަ އަހަރު ނެގި ވޯޓެއްގައެވެ.