ޚަބަރު

ފުވައްމުލައް ސިޓީއިން ސާފް ސުޒުކީ ތައްޓަށް ހޫނު މަރުހަބާއެއް


ޤައުމީ ޓީމުގެ ޑަބަލް ކީޕާރ ހަސަން ތޮލާލް މިއަދު ސާފް ސުޒުކީ ކަޕް ހިފައިގެން ފުވައްމުލައް ސިޓީއަށް ދިއުމުން އެސިޓީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިއަދު މެންދުރު 3:00 ގައި ތަށި ހިފައިގެން އައި ކުޅުންތެރިންނަށް މަރުޙަބާ ކިއުމަށްޓަކައި ބޭއްވި ޙަރަކާތުގައި ފުވައްމުލައް ސިޓީގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުއައްޒަފުން ބައިވެރިވިއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފް ސުޒުކީ ތަށްޓާއެކު ފޮޓޯ ނެގުމަށް މިއަދު ހަވީރު އެސިޓީގެ ރަސްމީ ބޯޅަދަނޑުގަ ބޭއްވި ޙަފުލާގަވެސް ގިނަ ޢަދަދެއްގެ ކުދި ބޮޑު ރައްޔިތުން ވަނީ ބައިވެރިވިއެވެ. ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ތަށި އެސިޓީއަށް އައުމުން ފަހުރުވެރިވާކަން ފާހަނގަކޮށް، ގައުމީ ޓީމުން މިހޯދި ކާމިޔާބީއާ މެދު އުފާ ފާޅުކޮށްފައެވެ. ޤައުމީ ޓީމުގެ ތަށްޓާއެކު ފޮޓޯ ނެގަން ހަވީރު އައި މީހުން ގިނަ ކަމުން މިރޭވެސް ކުރިއަށް ދާނެކަމަށް މިޙަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

ސާފް ސުޒުކީ ތަށްޓާއެކު ޙަސަން ތޮލާލުގެ އިތުރުން ފުވައްމުލައް ސިޓީއަށް ގޮސްފައިވަނީ، ޤައުމީ ޓީމްގެ މެނޭޖަރ މޯ، އައްސަދު ޢަބްދުލްޣަނީ އެވެ.

ދިވެހި ޤައުމީ ޓީމުން ސާފް ސުޒުކީ ކަޕް 2018 ކާމިޔާބު ކުރީ ފައިނަލް މެޗުގައި ޞަރަޙައްދީ ފުޓްބޯޅައިގެ ބާރުކަމަށްވާ އިންޑިއާ ބަލިކޮށްގެންނެވެ. މިއީ ރާއްޖެ މިމުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.