ޚަބަރު

ޔުނިވާރސަލް ވެދަރ އެންޑް އޭވިއޭޝަންގެ ޚިދުމަތްތައް ނޮވެންބަރުމަހު ރާއްޖޭގައި ފަށަނީ


ބައިނަލްއަޤުވާމީ ކުންފުންޏެއްކަމަށްވާ ޔުނިވާރސަލް ވެދަރ އެންޑް އޭވިއޭޝަނުން މިއަހަރުގެ ނޮވެންބަރު މަހުގެތެރޭގައި ރާއްޖޭގައި ޚިދްމަތްދޭން ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ޔުނިވާރސަލް އޭވިއޭޝަން އެއަރޕޯޓު ގްރައުންޑް ހޭނޑްލިން، ނުވަތަ ވައިގެ ބަނދަރުތަކުގައި ޖައްސާ އުޅަނދުތަކާ، އޭގެ ކްރޫއަށް ބޭނުންވާ ތަފާތު ޚިދުމަތްތަކާ، އޭވިއޭޝަނާ ގުޅުންހުރި މޫސުމީ މަޢޫލޫމާތު އެއަރލައިންތަކާ ޙީއްސާކުރުމުގައި ފާހަގަކުރެވޭ ޚިދުމަތްތަކެއް ދޭ ކުންފުންޏެކެވެ. މިކުންފުންޏަކީ ޚާއްޞަކޮށް ޖެޓް އަދި ޕްރައިވެޓް އުޅަނދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ކުންފުންޏެކެވެ.

ޔުނިވާރސަލް އޭވިއޭޝަން މޯލްޑިވްސްގެ ނަމުގައި ފަށާ މިޚިދުމަތް ފޯރުކޮށްދޭނީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ އިނަރ މޯލްޑިވްސާ ގުޅިގެނެވެ. މިގޮތުން ޔުނިވާރސަލް އޭވިއޭޝަން މޯލްޑިވްސްގެ ޚިދުމަތްތައް ދޭނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގައި ހިންގާ އިނަރ މޯލްޑިވްސް ހޮލިޑޭޒްގެ އޮފީސް މެދުވެރިކޮށެވެ. ރާއްޖޭގައި ހުޅުވާ އޮފީހާއެކު ޔުނިވާރސަލް އޭވިއޭޝަނުން އޭޝިޔާ ޞަރަޙައްދުގައި ހިންގާ އޮފީސްތަކުގެ އަދަދު އަށަކަށް އަރާނެއެވެ.

ރާއްޖޭގައި ޚިދުމަތް ފެށުމާބެހޭ ގޮތުން ޔުނިވާރސަލް އޭވިއޭޝަންގެ ޗެއަރމަން ގްރެގް އީވާންސް ވިދާޅުވީ އިނަރ މޯލްޑިވްސްއާއެކު ރާއްޖޭގައި އެކުންފުނިން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް އުންމީދުކުރާކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުންފުނީގެ އޮފީސް ޤާއިމުކުރިނަމަވެސް ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، މާމިނގިލި އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓަށްވެސް ޚިދްމަތް ދޭނެކަމަށް ގްރެގް ވިދާޅުވިއެވެ.

ޔުނިވާރސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޤިޔާސް ވިދާޅުވީ، ރާއްޖެފަދަ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށްވެފައި، ކޯޕަރޭޓް ޖެޓްތައް ގިނައިން ޖައްސާ ޤައުމެއް ކަމަށެވެ. އެހެންކަމުން ޔުނިވާރސަލް އޭވިއޭޝަންގެ އޮފީސްވެގެންދާނީ މިފަދަ ޖެޓްތަކާ މަތީ ފަންތީގެ އުޅަނދުތަކަށް އެކަށީގެންވާ ޚިދުމަތްދެވޭފަދަ ފެންވަރު ރަނގަޅުތަނަކަށްކަމަށް ޤިޔާސް ވިދާޅުވިއެވެ.